01 Nov 2018, 13:52
ދިއްލީ (ނޮވެމްބަރު 1): އިންޑިއާގެ އުއްތަރަ ޕްރެދޭޝްގައި 1987 ވަނަ އަހަރު 42 މުސްލިމުން މަރާލުމުގައި ބައިވެރިވި 16 ފުލުހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އިއްޔެ އެމައްސަލަ ބެލި ދިއްލީ ހައި ކޯޓުގެ ފަނޑިޔާރުން ވަނީ އެއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް، އެމީހުން މަރަން ދިން ހަމަލާއެއް ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން 2015 ވަނަ އަހަރު ވެސް ދަށު ކޯޓަކުން އެ މައްސަލަ ބެލި އެވެ. ނަމަވެސް އެކޯޓުން ނިންމީ މިހާރު ރިޓަޔާކޮށްފައިވާ އެފުލުހުން، މުސްލިމުން މެރުމުގައި ބައިވެރިވި ކަން ސާބިތުވާ ވަރަށް ހެކި ނެތް ކަމަށެވެ.
މީގެ 31 އަހަރު ކުރިން އެ ހާދިސާ ހިނގީ ބާބުރީ މިސްކިތާ ބެހޭ ގޮތުން ހިންދޫންނާއި މުސްލިމުންނާ ދެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން އުއްތަރަ ޕްރަދޭޝްގެ މޭރަޓުގައި ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރޭގަ އެވެ.
އެއަހަރުގެ މާޗް މަހުން ޖޫން މަހަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރޭގައި، 19 ފުލުހަކު ވަނީ 42 މުސްލިމުން އެއްތަންކޮށް، އެމީހުންގެ ގަޔަށް ބަޑި ޖަހާ މަރައިފަ އެވެ. އޭގެ ތެރެއިން ތިން ފުލުހަކު ވަނީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން މަރުވެފަ އެވެ.
ހިންދޫން ގަބޫލު ކުރާ ގޮތުގައި ބާބްރީ މިސްކިތް ބިނާކޮށްފައި ވަނީ ހިންދޫ ފައްޅިއެއް ހުންނަ ތަނުގަ އެވެ. އަދި 1992ގައި ހަރުކަށި ހިންދޫންގެ ބަޔަކު ވަނީ އެމިސްކިތް ތަޅާލި އެވެ.