މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ފަރުކޮއި" ޕްރޮގްރާމްގެ ބޮޑުބައެއް ނިންމާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ޕްރޮގްރާމުގެ ފަރާތުން ފާތިމަތު ސޯފިޔާ ރަޝީދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަރުކޮއި ޕްރޮގްރާމްގެ 73 ޕަސެންޓް މިހާރު ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ.

"މި އަހަރު ސްކޫލުތައް ނޮވެމްބަރު މަހު 23 ވަނަ ދުވަހު ބަންދުކުރުމުގެ ކުރިން ޕްރޮގްރާމް ނިންމުމަށް އަމާޒު ހިފާފައި މިހާރު މިހުރީ. ދެން މޫސުން ވެސް މިދަނީ އެންމެ ރަނގަޅަކަށް ނޫން. އެކަމަކު ވެސް ވަރަށް ގިނަ ސްކޫލުތަކުން މިހާރު އެ ޕްރޮގްރާމް އެ ދަނީ ކުރިއަށް ގެންދަމުން،" ސޯފިޔާ ވިދާޅުވި އެވެ.

ގދ. އަތޮޅު ތައުލީމީ މަރުކަޒުން ހިންގި ފަރުކޮއި ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ގދ. އަތޮޅު ތައުލީމީ މަރުކަޒު

ސޯފިޔާ ވިދަޅުވީ މިހާތަނަށް އެކި ސްކޫލުތަކުން 56691 ދަރިވަރުންނަށް ފަރުތައް ދައްކާލާ ނިންމާލައިފައިވާ ކަމަށެވެ.

ފަރުކޮއި ޕްރޮގްރާމްގެ ދަށުން "ވޮއިސް ފޯ އޯޝަން" ސްކޫލަކަށް ވެވެނީ ދެ ކަމެއް ހާސިލުކޮށްގެންނެވެ. އެގޮތުން ފަރުތައް ދައްކާލުމުގެ އިތުރުން ސްކޫލުތަކުގައި "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ފަރުތައް ދައްކާލުމުގެ ބައި އެންމެ ފުރަތަމަ ނިންމާލާފައި ވަނީ މުހިއްޔުއްދީން ސްކޫލުން ކަމަށެވެ. އެ ސްކޫލުން އެ ޕްރޮޖެކްޓް ފުރިހަމަކޮށްފައި ވަނީ މާޗް މަހު 12 ވަނަ ދުވަހު އެވެ.