އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ އެ ތަކެތި ނައްތާލައިފަިއވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި އެތަކެތި ނައްތާލައިފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ކަމަށެވެ.

ނައްތާލި ތަކެތީގެ ތެރޭގައި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގައި ހިމެނޭ 45 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އެކި ބްރޭންޑްތަކުގެ 290 ފުޅި ބަނގުރަލާއި 140 ޕެޓް ފުޅިއާއި 288 ދަޅު ބިޔަރާއި، 52 ފުޅި ބިޔަރާއި، 1 ރީނދޫ ހަމާއި އެހެނިހެން 52 އައިޓަމް ހިމެނެއެވެ.

ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހުސްފުޅިއާއި ހުސްދަޅާއި އަދި ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކަރުދާސް ފޮއްޓާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ބިއްލޫރި ތައްޓާއި، ބަނގުރަލުގެ އަސަރު އެކުލެވޭ ބައެއް ތަކެތި ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.