25 Sep 2011, 15:30
ސަރުކާރުން ދަތުރު ފަތުރުގެ ނިޒާމް ފައްކާ ކުރަމުން އަންނައިރު ލާމަރުކަޒީ މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލު އައިސްފައި ނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލު ސަލީމް މިއަދު ވިދާޅުވީ އެމްޓީސީސީން ފެރީ ޓިކެޓްގެ އަގު ބޮޑު ކުރަން ނިންމުމުން ހުޅުމާލެ އާއި ވިލިމާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން މާލެ ސަރަހައްދުގައި އާ ނިޒާމެއްގެ ދަށުން ދަތުރުފަތުރުތައް ކުރަން އެމްޓީސީސީ އާއި މާލޭ ސިޓީ ކައުންސިލުން މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ދަތުރު ފަތުރުގެ ނިޒާމެއް ފައްކާކުރަމުން އަންނައިރު މާލޭ ސަރަހައްދުގެ ދަތުރުކުރުމުގެ ނިޒާމަށް ލާމަރުކަޒީ އުސޫލުން އަންނަން ޖެހޭ ބަދަލުތައް އައިސްފައި ނުވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާދިލާއެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔާ، މައިޒާން އަލި މަނިކު މިއަދު ވިދާޅުވީ ހުޅުމާލެ އާއި ވިލިމާލޭގެ ފެރީގެ ޓިކެޓް މިހާރު ވެސް ހުރި އަގު ގައިބެހެއްޓޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރަށް ވުރެ ރަަނގަޅު ނިޒާމެއް ގާއިމް ކުރެވެން އޮތްނަމަ އެފަދަ ފެރީ ނިޒާމެއްގެ ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުން ހުރީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް މިހާރު ހުރި އަގަށް އެކަން ކުރެވޭނެ ނިޒާމް ގާއިމް ދިނުންް. އަދި އެއަށްވުރެން ރަނގަޅު ނިޒާމެއް އޮތީ ވިއްޔާ އެ ނިޒާމަކަށް ވާސިލުވެ ރައްޔިތުންނަށް ހިދުމަތް ދިނުން،" އަލިބެ ވިދާޅުވި އެވެ. މޭޔަރު އަދި ވިދާޅުވީ މާލޭ ސިޓީގެ ދަތުރުފަތުރު ކުރުމުގެ ނިޒާމް އަލުން ބިޑަށްލާން ވިސްނަވާ ކަމަށާއި އެކަމާ ގުޅޭގޮތުން ދެނެގަންނަން ޖެހޭ ހިސާބު އަދަދުތަކެއް ވެސް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެން މިވާހަަކަ ދައްކަނީ އަލުން ބިޑަކަށް ދާ ވަހަކަ. ދާއިރުގަ އަޅުގަނދުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ދެނެގަންނަން ޖެހޭ ހިސާބު އަދަދު ތަކެއް އެބަހުރި. އެހިސާބު އަދަދުތައް ބަލާފަ [އެނގޭނީ] ކިހިނެއްތޯ އަޅުގަނޑުމެން ކަންތައް ކުރާނީ. އަގު ކުޑަ ކުރަން ކުރެވޭނެ ކަންތައްތަކަކީ ކޮބއިތޯ ބަލާފަ އެގޮތަކަށް އަޅުގަނޑުމެން މަސަތްކަތް ކުރަމުން ގެންދާނީ،" މޭޔަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެރީ ހިދުމަތުން އެމްޓީސީސީ ދުރަށްލުމުގެ ނިޔަތް ނެތް ކަމަށާއި އަލަށް ހުޅުވައިލާ ބިޑުގައި ބައިވެރި ވުމުގެ ފުރުސަތު އެމްޓީސީސީ އަށް ވެސް އޮންނާނެ ކަމަށެވެ.