ކޮލަމްބޯ (ނޮވެމްބަރު 1): މިމަހުގެ ފަހެއްގައި ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް އަލުން ފަށާނެ ކަމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސަ ވިދާޅުވި ގޮތުގައި ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އަންނަ ހޯމަ ދުވަހު މަޖިލިސް ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ފަސް ވަނަ ދުވަހު މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން ރައީސް ވަނީ ނިންމަވާފަ،" ރާޖަޕަކްސަ ވިދާޅުވި އެވެ.

ލަންކާގެ އިދިކޮޅު ޔުނައިޓެޑް ނެޝަނަލިސްޓު ޕާޓީ (ޔޫއެންޕީ)އިން ވަނީ ސިރިސޭނާގެ އެނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އަދި ހޯމަ ދުވަހު އޮންނަ ބައްދަލުވުމުގައި، މަޖިލީހުގެ އަގުލަބިއްޔަތު އޮތީ ރަނިލް ވިކްރަމަސިންހައަށްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ރައީސް ސިރިސޭނާ މިދިޔަ ހޮނިހިރު ދުވަހު ލަންކާގެ ގާނޫނު ހަދާ މަޖިލިސް ސަސްޕެންޑު ކުރެއްވީ ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމުން ދުރުކުރެއްވުމަށް ފަހުގަ އެވެ. ސިރިސޭނާ ވިދާޅުވި ގޮތުގައި އެފަދައިން އަމަލު ކުރެއްވީ އާ ބޮޑުވަޒީރު ރާޖަޕަކްސައަށް، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ވަގުތު ދިނުމަށެވެ.

ނަމަވެސް ވިކްރަމަސިންހަ އާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އޭނާ މަގާމުން ދުރުކޮށް، މިމަހުގެ 16އާ ހަމައަށް މަޖިލިސް ސަސްޕެންޑު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެފަ އެވެ.