01 Nov 2018, 10:29
ރިޔާޟު (ނޮވެމްބަރު 1): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގެ މައްސަލައިގައި ޝާހީ އާއިލާއަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ރަސްގެފާނުގެ ކޮއްކޯފުޅު އެނބުރި ގައުމަށް ވަޑައިގެންފި އެވެ.
ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒު ވަނީ އަންގާރަ ދުވަހު އިނގިރޭސިވިލާތުން ސައުދީއަށް ވަޑައިގަންނަވާފަ އެވެ. އަދި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ އޭނާއަށް އެއާޕޯޓުން މަރުހަބާ ވިދާޅުވެފަ އެވެ.
ޕްރިންސް އަހުމަދުގެ އަރިސް ފަރާތަކާ ހަވާލާދީ މިޑްލް އީސްޓް އައިގައިވާ ގޮތުން އޭނާ ސައުދީއަށް ވަޑައިގަންނަވަނީ ގައުމުގެ ލީޑާޝިޕަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ވަލީއަހުދު ކަމަށް އާ ބޭފުޅަކު ގެނައުމަށް ޕްރިންސް މަސައްކަތް ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.
އެނޫހުގައިވާ ގޮތުން ޕްރިންސް އަހުމަދު ވަނީ މީގެ ކުރިންވެސް ވަލީއަހުދު ކަމަށް މުހައްމަދު ބިން ސަލްމާން ގެނައުމަށް ދެކޮޅު ހައްދަވާފަ އެވެ. އެގޮތުން މިދިޔަ އަހަރު އާވަލީއަހުދަކު ހިޔާރު ކުރުމަށް، އެކަމަށް ހާއްސަކޮށްފައިވާ ކައުންސިލުން ނެގި ވޯޓުގައި ޕްރިންސް އަހުމަދު، މުހައްމަދު ބިން ސަލްމާނަށް ވޯޓު ނުދެއްވަ އެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި މިދިޔަ މަހު މަރާލި ޖަމާލް ހާޝުގްޖީއަކީ ވަލީ އަހުދު މުހައްމަދަށް ފާޑު ކިޔަމުން ދިޔަ ނޫސްވެރިޔެކެވެ. އަދި އޭނާ މަރާލާފައި ވަނީ ވަލީ އަހުދުގެ އަމުރަށް ކަމަށް ގިނަ އަދަދެއްގެ މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ސައުދީން އެތުހުމަތުތައް ދޮގު ކުރި ނަމަވެސް، އެމައްސަލައިގެ ސަބަބުން ޝާހީ އާއިލާގެ ނުރުހުން ވަލީ އަހުދަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.