މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރެއިން ޕީޕީއެމް އިން ބޭއްވި ސައިޒު ދައްކާލާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވައިގެ މަގުން ސަޕޯޓަރުން ގެނައުމަށް މީހުން ގެނެސް، 3.8 މިލިއަން ރުފިޔާ އައިލެންޑް އޭވިއޭޝަނަށް ނުދައްކައި އޮތްކަން ހާމަވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ޖަލްސާ އަށް 2000 މީހުން ގެނެސް އަނބުރާ ފޮނުވުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކޮށް، އެ ބިލް ކްރިޑިޓަށް ޕީޕީއެމް އަށް ދިނެވެ.

ނަމަވެސް ޕީޕީއެމް އިން ވަނީ ފަހުން އެ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކާފައި ކަމަށް ވެސް، ނަން ހާމަ ކުރަން ބޭނުން ނޫން އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ސަން އަށް ވިދާޅުވި އެވެ.

"މި ހަފުތާގައި ވަނީ އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ދައްކާފައި. މި ހަފުތާގައި ބޭއްވި މީޓިއެއްގައި އަންނަ ހަފުތާގައި ބާކީ ފައިސާ ދައްކާނެ ކަމަށް ބުނި،" އައިލެންޑް އޭޥިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ދަތުރުތައް ކުރުމަށް ފަހު ޕީޕީއެމް އިން ދައްކަން ޖެހޭ ފައިސާ އެޕާޓީގެ ބަޖެޓުން އުނިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ނަމަވެސް އީސީ އިން އިއްޔެ ބުނެފައި ވަނީ ޕާޓީގެ ބަޖެޓުން އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ.

ޕީޕީއެމް އިން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ފައިސާ އާ ގުޅޭ ގޮތުން ޕީޕީއެމްގެ ބަހެއް އަދި ނުލިބެ އެވެ.