ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަންތައްތައް ކުރައްވަމުން ގެންދަވާކަމަށް ތުހުމަތުކޮށް ފުވައްމުލަކު ދަޑިމަގު ކައުންސިލްގެ ރައީސް އަހުމަދު ނަޖާހު އިބްރާހިމް ރައީސްކަމުގެ މަޤާމުން ވަކިކޮށްފި އެވެ.

ކައުންސިލްގެ ނައިބް ރައީސް ހުސައިން އިހުސާން ވިދާޅުވީ ޑީއާރްޕީގެ ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ދަޑިމަގު ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަޙުމަދު ނަޖާހު އިބުރާހިމް ވަކިކުރީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަނެއް ދެ މެންބަރުންކަމުގައިވާ ހުސައިން އިހުސާނާއި މުޙައްމަދު ފާރިޝް ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ޤަރާރަކުން ކަމަށެވެ.

ރައީސް ކަމުން ނަޖާހު ވަކި ކުރުމަށް ނެރުނު ގަރާރުގައި ބުނަނީ "އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނުނޫގެ 24 ވަނަ މާއްދާގެ (ފ) އާއި ޚިލާފަށް ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ބިންތަށް ދޫކުރުމާއި، ކައުންސިލްގެ ފައިސާ ގަވާއިދާ ޚިލާފަށް ހަރަދު ކުރުމުގެ އިތުރަށް ދަޑިމަގު ކައުންސިލްގެ އަގުވައްޓާލުމަށް ދޮގު ވާހަކަތައް ދައްކަވައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ވާހަކަ ދައްކަވަމުން ގެންދާތީ މިކަން އިސްލާހުކުރުމަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުތުމުން ދަޑިމަގު ކައުންސިލްގެ ރައިސްކަމުން ވަކިކުރުމަށް ކައުންސިލްގެ ދެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމައި މި ގަރާރު އާއްމުކުރީ" ކަމަށެވެ.

މަގާމު ވަކި ކުރި ނަޖާހު މިއަދު ވިދާޅުވީ އޭނާ ރައީސްކަމުން ވަކިކުރަން ނިންމަން ކައުންސިލުގެ އަނެއް ދެ ބޭފުޅުން ނެރެފައިވާ ގަރާރަކީ ސައްހަ ގަރާރެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެ މައްސަލާގައި ކޯޓަށް ވަޑައިގަތުމަށް ގާނޫނީ ވަކީލުންނާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި އަޅުގަނޑަކީ މިހާރުވެސް ދަނޑިމަގު ކައުންސިލްގެ ރައީސް. އެބޭފުޅުންނަކަށް އެގޮތަށް އަޅުގަނޑަށް ނޭނގި ބައްދަލުވުމެއް ބާއްވާ އެގޮތަކަށް ގަރާރެއް ފާސްކޮށްގެން ނުނެރެވޭނެ. އަޅުގަނޑުގެ ބޮލުގައި އަޅުވާފައިވާ ތުހުމަތުތަކަކީ ވެސް ތާކުންތާކުޖެހޭ ތުހުމަތުތަކެއް ނޫން . މައްސަލައަކަށްވެގެން މިއުޅެނީ 2013 ވަނައަހަރު އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީއަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އަޅުގަނޑު މަސައްކަތް ކުރާތީ. އެކަމާ ދެކޮޅަށް ކުރެއްވި ކަމެއްކަމަށް އަޅުގަނޑަށް ގަބޫލްކުރެވެނީ،" ނަޖާހް ވިދާޅުވިއެވެ.

ނައިބް ރައީސް އިހުސާން މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ބައްދަލްވުން އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް މަޤާމުން ދުރުކުރުން ބަޔާންކޮށްފައިވާ 121 ވަނަ މާއްދާގައި ބުނެފައިވަނީ "ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލްގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ މީހަކު މަޤާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަޤާމުން ކައުންސިލްގެ މެންބަރަކު ވަކި ކުރެވުނަމަވެސް އެ މެންބަރެއްގެ މެންބަރުކަން ދެމި އޮއްނާނެ އެވެ.