01 Nov 2018, 08:55
ސުޝާންތު ސިންގް ރާޖްޕުތު އަދި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ކޭދަރްނާތު' ރިލީޒް ކުރާނީ އަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކަމަށް ހަމަޖައްސައިފިއެވެ.
ޑައިރެކްޓަރު އަބީޝޭކް ކަޕޫރު ކުރި ޓްވީޓެއްގައި ބުނީ ފިލްމު ރިލީޒްކުރާ ތާރީހު ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހަށް އަވަސްކުރީ ކަމަށެވެ. ފިލްމު ރިލިޒްކުރާ ތާރީހު އިއުލާންކޮށްފައިވާއިރު "ކެދާނަތު"ގެ ޓީޒާ ޓްރެއިލާ ވެސް ވަނީ އާންމުކޮށްފައެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ މި ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.
ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތް ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.
އެކްތާ ކަޕޫރުގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެ ފިލްމަކީ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.
ސާރާގެ "ކެދާނަތު" ސިނަމާއަށް އަންނަން ތައްޔާރުވިއިރު އޭނާގެ "ސިމްބާ" ވެސް އެ މަހު ފަހުކޮޅު އަޅުވާގޮތަށް ވަނީ ހަމަޖެހިފައެވެ.