01 Nov 2018, 02:32
ފުވަމުލަކުގައި މިރޭ ވަޅި ހެރުމުން ސީރިއަސް ޒަޚަމްތަކެއް ލިބުނު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.
މިރޭ 8:50 އެހައިކަންހާއިރު، ފުވައްމުލަކު އަލްޓްރާގޭގެ ކޮޓަރިއެއްގެ ތެރޭގައި ވަޅިހަރައި ޒަޚަމްކޮށްލާފައި ވަނީ އެގޭ އުމުރުން 17 އަހަރުގެ އަހްމަދު އިނާން އިބްރާހިމްގެ ގަޔަށެވެ.
އެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ޏ. އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ އެކުއްޖާއަށް ފަރުވާދެމުންނެވެ.
އިނާންގެ ބައްޕަ އިބްރާހިމް މުހައްމަދު "ސަން" އަށް ބުނީ އެކުއްޖާ މާލެ ގެނައުމަށްޓަކައި މިހާރު އާސަންދަ ހަމަޖެހިފައިވާ ކަމަށާއި ބެލެވޭގޮތުގައި މާލެ ފުރޭނީ ހެނދުނު ކަމަށެވެ.
"އިނާނު މާލެ ފުރުވާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ހޮސްޕިޓަލުން ދަނީ ކުރަމުން،" އިބްރާހިމް މުހައްމަދު ބުންޏެވެ.
އިނާނު މާލެ ފޮނުވާލުމަށް ޑޮކްޓަރު ލަފާދިނީ އެ ހޮސްޕިޓަލުން އިތުރަށް އޭނައަށް ދެވޭނެ ފަރުވާއެއް ނެތުމުން ކަމަށް އިބްރާހިމް މުހައްމަދު ބުންޏެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން" އަށް ވިދާޅުވީ އެ ކުއްޖާގެ ބޮލުގެ ފަސް ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. އެ ހަމަލާގެ ސަބަބުން ބޮލުގެ ފަސް ތަނަކުން ކަށިގަނޑު ފަޅައިގެން ގޮސްފައިވާއިރު، އަތާއި ފައިގެ ބައެއް ތަންތަނަށް ވަޅި ހަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބައެއް ތަންތަނަށް ފުންކޮށް ހަރާފައިވަނީ،" ފަރުޒާދު ވިދާޅުވިއެވެ.
އިނާނަށް ހަމަލާދިނީ އޭނާ ނިދާ ކޮޓަރި ތެރޭގައި ރައްޓެހި ދެ ކުއްޖަކާ އެކު އޮއްވައި، މޫނު ނިވާކޮށްގެންތިވި ދެ ދެމީހަކު ގޮސް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.