01 Nov 2018, 00:00
ފުވައްމުލަކުގައި މިރޭ ވަޅިހަރައި ޒަޚަމްކޮށްލި 17 އަހަރުގެ ކުއްޖާގެ މަންމަ ހޭނެތިގެން ފުވައްމުލަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
ފުވައްމުލައް، މާދަނޑު، އަލްޓްރާ، އަހްމަދު އިނާން އިބްރާހިމްގެ ގަޔަށް ވަޅިހެރީ މިރޭ 8:50 އެހައިކަންހާއިރުއެވެ.
އެ ކުއްޖާގެ ބައްޕަ، އިބްރާހިމް މުހައްމަދު ބުނީ އަނާނަށް ހަމަލާދީ އޭނާ ނިދާ ކޮޓަރީގައި ލެޕްޓޮޕް ކައިރީ އޮއްވައި ކަމަށެވެ.
އޭނާ ބުނީ އެވަގުތު މަންމަ ހުރީ އެހެން ކޮޓަރިއެއްގައި ގުރުއާން ގޯހުގައި ކިޔަވާ މީހުންތަކަކާއެކު ކަމަށެވެ. އަދި ި ހާދިސާ ހިނގިއިރު، ކޮޓަރީގައި ތިބި އިތުރު ދެ ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިގެން ކުއްޖާގެ މަންމަ އޭނާއަށް ގުޅައި މައުލޫމާތު ދިންކަމަށް އިބްރާހިމް މުހައްމަދު ބުންޏެވެ.
ކުއްޖާގެ މަންމައަށް އެމަންޒަރު ފެނުމާ އެކު ހޭނެތިގެން ވެއްޓުނީ ކަމަށާއި މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
"ކުއްޖާގެ މަންމަ ހޭނެތިފައިވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ނިދާ އިންޖެކްޝަނެއް ޖަހާފައި އޮތީ. މަންމަގެ ހާލު ވަރަށް ދެރަ،" އަނާންގެ ބައްޕަ އިބްރާހިމް މުހައްމަދު ބުންޏެވެ.