01 Nov 2018, 03:53
ވޭތުވެދިޔަ ދިހަ އަހަރުވެސް މަސަައްކަތް ކުރި ގޮތަށް ދެންވެސް މަސައްކަތް ކުރާނީ ވަކި ފަރާތަކަށް ބުރަނުވެ، މިނިވަންކަމާ އެކު ކަމަށް އުއްތަމަ ފަނޑިޔާރު، ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް ދިހަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުރިން ވެސް ސުޕްރީމް ކޯޓުން މަސައްކަތް ކުރީ މިނިވަންކަމާ އެކު ކަމަށާއި ދެންވެސް މަސަކަތް ކުރަނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުމެއް ނެތިކަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށެވެ.
"އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކާ ބިރަކަށް ޖެހިލުމެއް ނުވެ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ހަރުދަނާ ކަމާއެކު ކުރަމުން އައި މަސައްކަތް ކުރިޔަށް އޮތްތާކައި މާތްﷲ ގެ ވާގިފުޅާ އެކު ކުރިޔަށް ދާނަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2008 ގައި އާ ގާނޫނު އަސާސީ ތަސްދީގު ކުރެވި، އަދުލު އިންސާފުގެ ނިޒާމަކީ މިނިވަން ބާރެއްގެ ގޮތުގައި ހަމަޖެހި، އެ ބާރުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ސުޕްރީމް ކޯޓު އުފެދުމަކީ ވަރަށް ދުސްތޫރީ މުހިންމު ބަދަލެއް ކަމަށެވެ.
"1980 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓު އުފެދުނު ނަމަވެސް ކުރީގެ ދުސްތޫރުތަކުން އެކޯޓަށްވެސް އަދުލު އިންސާފު ގާއުމު ކުރެވޭނެ އެންމެ މަތީ ބާރު ލިބިދީފައި ނުވޭ، އެ ކޯޓުގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް އިސްތިއުނާފް ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައި އޮތްކަން ފާހަގަ ކުރެވޭ،" އާ ގާނޫނު އަސާސީ ތަސްދީގު ކުރުމުގެ ކުރިން ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ގޮތް ކިޔައިދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އަބަދުވެސް ރާއްޖޭގެ އަދުލު އިންސާފްގެ ދައިރާގައި މަސައްކަތް ކުރާ ފަނޑިޔާރުންކީ އިސްލާމީ ޝަރިއަތުގެ އަސާސްތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިވަން މުސްތަގިއްލު ބަޔެއްކަން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަށް ދިހަ އަހަރު ފުރޭ މި މުނާސަބަތުގައި ކުރިމަގަށް އާ ލަނޑުދަނޑިތަކެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.
އެގޮތުން ކޯޓު ތަކުގައި ޝަރީއަތް ކުރުމުގައި މިނިވަންކަމާއި އަދުލުވެރިކަމާއެކު ޝަރީއަތް ކުރެވޭނެ މާހައުލެއް ކަށަވަރު ކޮށްދިނުމާއި އަދުލު އިންސާފަށް ފަސޭހައިން ވާސިލްވުން އިތުރުކޮށްދިނުން ކަށަވަރު ކޮށްދިނުމާއި، ކޯޓްތަކަށް ހުށައެޅޭ މައްސަލަތައް ޝަރީއަތްކޮށް ހުކުމް ކުރެވޭ މަރުހަލާ ދިގުދެމިގެން ނުދާނޭ ފަދަ ގޮތަކަށް ކޭސް މެނޭޖް ކުރުން ފަދަ ކަންކަމަކީ ލަނޑުދަނޑިތައް ކަނޑައަޅާއިރު ވިސްނަން ޖެހޭ ބައެއް ކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ ލަނޑުދަނޑިތައް ހާސިލް ކުރުުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަޖެޓްގެ ދަތިކަން ކަމަށާއި ޒަމާނަށް އަންނަ ބަދަލާއެކު ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެކި އެކި ސްޓޭޓް ހޯލްޑަރުންގެ އިތުބާރާއި އިހުތިރާމް ލިބިގެންވާ ނިޒާމަކަށް ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމް ހެދޭނީ ދައުލަތުން ފުރިހަމައަށް "ބަޖެޓިވް ސަޕޯޓް" ދީގެން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޖުތާޒު ފަހުމާއި އެކި ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.