25 Sep 2011, 14:53
އަމިއްލަ ގޮތުން ގއ. ކޮނޑޭ ކައުންސިލަށް އިންތިޚާބުވެ ވަޑައިގެންނެވި އަބްދުﷲ ޝިހާބު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވާއިފިއެވެ. އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވެވީ މިއަދު އެވެ.
ޝިހާބު ވިދާޅުވީ ޕީޕީއެމްއާ އޭނާ ގުޅިވަޑައިގަތީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަރުގަދަ އިދިކޮޅު ޕާޓީ އެއް ބޭނުންވާތީ ކަމަށާއި އޭނާ އަށް ގަބޫލުކުރެއްވޭ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ގާބިލުކަން ލިބިފައިވަނީ ޕީޕީއެމްއަށް ކަމަށެވެ.
"ވަރުގަދަ އިދިކޮޅު ހަރަކާތަކީ،ޑިމޮކުރެޓިކު މުޖުތަމައަކައް ނުހަނު ބޭނުންވާ، އެފަދަ ހަރަކާތަކާ ނުލައި ރަނގަޅު ގޮތުގައި، ސަރުކާރު ހިންގުމަށް އުނދަގޫވާ، ޚާއްސަކޮށް މިއަދު މިއޮތް ސަރުކާރު ފަދަ ގޮތްދޫ ނުކުރާ،ޑިމޮކްރެޓިކު ހަމަތައް ގަބޫލު ނުކުރާ ސަރުކާރެއް ޖަވާބުދާރީކުރުވަން ނުހަނު ބޮޑަށް ބޭނުން ވެފައިވާ ހަރަކާތެއް،" ޝިހާބު ވިދާޅުވި އެވެ "މިކަންކަން އެންމެ ފުރިހަމައަށް ހިންގޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ޕާޓީއަކީ ޕީޕީއެމް. އެހެންވެ އަޅުގަނޑު އެ ޕާޓީއާއި ގުޅުނީ،"
ޝިހާބު ވިދާޅުވީ އޭނާއާއެކު އެރަށުން އެމްޑީޕީއާއި ޑީއާރްޕީގެ 50 އަށް ވުރެ ގިނަ މެންބަރުން ވެސް މިއަދު ޕީޕީއެމްއަށް ސޮއިކުރި ކަމަށެވެ.
ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވެވި ފަސް މެންބަރުން އިންތިހާބުވި ކޮނޑޭ ކައުންސިލުގެ ތިން މެންބަރަކު މީގެކުރިން ވަނީ އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ. އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން ޕާޓީ އަކާއި ގުޅިވަޑައިނުގެން މިހާރު އިންނެވީ ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ހަމައެކަނި އަންހެން މެންބަރު ޔުމްނާ ގާސިމެވެ.