ފުވައްމުލައް ސިޓީގައި ކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ފަރުޒާދު "ސަން" އަށް ވިދާޅުވީ އެ ކުއްޖާ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިރޭ 9:00 އެހައިކަންހާއިރު ކަމަށެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަޅިހަރާފައި ވަނީ ފުވައްމުލަކު އަލްޓްރާ، އުމުރުން 17 އަހަރުގެ އަހުމަދު އިނާން އިބްރާހިމްގެ ގަޔަށެވެ.

ފަރުޒާދު ވިދާޅުވީ އެ ޒުވާނާގެ ބޮލުގެ ފަސް ތަނަކަށް ވަޅި ހަރާފައިވާ ކަމަށެވެ. ބޮލުގެ ފަސް ތަނަކުން ކަށިގަނޑު ފަޅައިގެން ގޮސްފައިވާއިރު، އަތާއި ފައިގެ ބައެއް ތަންތަނަށް ވަޅި ހަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް ތަންތަނަށް ފުންކޮށް ހަރާފައިވަނީ،" ފަރުޒާދު ވިދާޅުވިއެވެ.

އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ވެސް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިއެވެ.

"ވީހާވެސް އަވަހަކަށް ނިއުރޯސާޖަން އަކަށް ރެފާކުރަންޖެހޭ. އަދި ސީޓީ ސްކޭންއެއް ނުވަތަ އެމްއާރްއައި ހަދަންޖެހޭ،" އޮފިޝަލް ވިދާޅުވިއެެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.