ކޮލަމްބޯ (އޮކްޓޯބަރު 31): ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް އަނެއްކާ ވެސް ފެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލީހުގެ ރައީސާއި ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ މިއަދު ބައްދަލުކުރަން ނިންމަވައިފި އެވެ.

ލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އެބައްދަލުވުން ބޭއްވުމަކީ މަޖިލިސް ހުޅުވަން އުޅޭ ކަމުގެ ސިގްނަލެކެވެ.

އެބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން ގޮވާލައި މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ، ސިރިސޭނާއަށް ދެވަނަ ފަހަރަށް ސިޓީއެއް ފޮނުއްވި ފަހުންނެވެ.

އެސިޓީގައި މަޖިލީހުގެ ރައީސް ވަނީ ހަތަރު ޕާޓީއަކަށް ނިސްބަތްވާ 125 މަޖިލިސް މެމްބަރުން، މަޖިލިސް ހުޅުވުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އޭނާ އެ ޕެޓިޝަނަށް އިޖާބަ ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކޮލަމްބޯ ޓެލެގްރާފްގައިވާ ގޮތުން، ރައީސް ސިރިސޭނާ މަޖިލިސް ހުޅުވަން ދެކޮޅު ހައްދަވައިފި ނަމަ މަޖިލީހުގެ ރައީސް ވަނީ "ހާއްސަ ހާލަތެއްގެ" ދަށުން މަޖިލިސް ހުޅުވުމަށް ނިންމަވައިފަ އެވެ.

ރައީސް ސިރިސޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރެއްވުމަށް ފަހު އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވައިފަ އެވެ. އަދި މަޖިލިސް މެޖޯރިޓީ އޮތީ ވިކްރަމަސިންހައަށް ކަމަށް އޭނާ ވިދާޅުވުމުން، ސިރިސޭނާ ވަނީ އަންނަ މަހުގެ 16އާ ހަމައަށް މަޖިލިސް ސަސްޕެންޑު ކުރައްވައިފަ އެވެ.