ވިލިމާލެ އާއި ހުޅުމާލޭ ފެރީގެ ޓިކެޓް އަގު ބޮޑުކުރަން އެމްޓީސީސީން ނިންމުމާ ގުޅިގެން އެދެ ދާއިރާގެ ރައްޔިތުން ނުކުމެ ކުރި މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރި ކަމަށް ބުނެ އެކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުށްވެރިކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނަނީ ވިލިމާލެ އާއި ހުޅުމާލޭގައި އެމްޓީސީސީން ދެމުންގެންދާ ފެރީގެ އަގު ބޮޑުކުރުމަކީ ރައްޔިތުން އަތްމަތި ދަތިވެފައިވާ ދުވަސްވަރެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ފެރީ ޓިކެޓްގެ އަގު ބޮޑުކުރާ މައްސަލައިގައި ހިތްހަމަ ނުޖެހިގެން، މުޒާހަރާކުރި ފަރާތްތަކަށް އަނިޔާވެރި ނުވެ އެމީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމަށާއި ޝުޢޫރު ފާޅުކުރުން ހުއްޓުވުމަށް މުގުރާއި، ޕެޕާ ސްޕްރޭ ބޭނުން ނުކުރުމަށް ވެސް އަދި ރަޖިސްޓްރީވެފައި ނުވާ ޕާޓީގެ ބަޔާނުގައި ވެއެވެ.

ސުލްހަވެރިކަމާއެކު މުޒާހަރާ ކުރާ ފަރާތްތަކުގެ އަޑު ސަރުކާރުން އަހަން ޖެހޭނެ ކަމަށް ޖެނީވާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅުތައް އަމަލީ ގޮތުން ދެއްކެވެމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ބުނީ ހުޅުމާލެ އާއި ވިލިމާލޭގައި ހިނގައިދިޔަ މުޒާހަރާތައް އެ ޕާޓީން ބަލަމުންދާ ކަމަށާއި ސަރުކާރުން ފުލުހުން ލައްވާ ހިންގި އަނިޔާވެރި އަމަލުތައް ވެސް ކައިރިން ބެލި ކަމަށެވެ. އެ ހާދިސާތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އާއި އޯޑިއޯގެ އިތުރުން އެހެނިހެން ހެކިތައް ހޯދައި އަނިޔާވެރި އަމަލުތައް ހިންގި ފަރާތްތައް ޒިންމާދާރު ކުރެވެން އޮތް ގޮތަކަށް ކުރުވާނެ ކަމަށް ވެސް ބަޔާން މެދުވެރިކޮށް ބުނެފައި ވެއެވެ.

ޕީޕީއެމް އިން ބުނަނީ ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީއަކީ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތަކުގައި ވިޔަފާރީގެ އުސޫލުން ޚިދުމަތް ދެމުން އަންނަ ކުންފުންޏަކަށް ވިޔަސް ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތައް އެ ކުންފުންޏަށް ލިބުން މިހާރު ދަތިވެފައިވާ ކަމަށެވެ.

"... އޭގެ ބަދަލުގައި ސަރުކާރު ހިންގާ އެމްޑީޕީގެ މަސްލަހަތު އޮންނަ ފަރާތްތަކަށް އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް ބަދަލުވެގެން ދިއުން ވެގެން ގޮސްފައިވަނީ އެމްޓީސީސީގެ ވަޅުޖެހުމަކަށް،" ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.

ގައުމުގެ އިގްތިސާދޯ އިނދަޖެހެމުންދާ ދަނޑިވަޅުގައި އެމްޓީސީއަށް ޕްރޮޖެކްޓްތައް ނުދީ އެމްޑީޕީގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ޕްރޮޖެކްޓްތައް ހަވާލު ކުރުމަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައި ނުދީ، ނެގެން އޮތް ގޮތަކަށް ރައްޔިތުންގެ އަތުން ފައިސާ ނަގަން ހިންގާ އަމަލު ތަކެއް ކަމަށް ޕީޕީއެމްއިން ތުހުމަތުކުރެ އެވެ. މެންބަރުން ހޯދަން މަސައްކަތް ކުރަމުންދާ އެ ޕާޓީން ބުނެފައި ވަނީ އެމްޓީސީސީގެ ދަރަނި ބޮޑުވެ ގެއްލުން ފޫބައްދަން ވަޒީފާއިން މީހުން ވަކިކޮށް ފެރީގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތަކުގެ އަގުތައް އުފުލާ ކަމަށާއި އެކަންކަން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އެމްޓީސީސީ "ނޭވާ ހޮޅިއަށް" އެޅި ޚިދުމަތްތަކަށް ނުރަނގަޅު އަސަރު ކުރުމަކީ ރައްޔިތުންނަށް އޮތް ގެއްލުމެއް ކަމަށެވެ. އެކަން ހައްލުކުރުމުގައި ރައްޔިތުންނަށް އަނިޔާވެރި ނުވެ ވާހަކަދައްކައިގެން ހައްލެއް ހޯދަން ވެސް ގޮވާލާފައި ވެއެވެ.

ފެރީގެ ޓިކެޓް އަގު ބޮޑުކުރަން ނިންމުމާ ގުޅިގެން ވިލިމާލޭ އާއި ހުޅުމާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) އިއްޔެ ވިލިމާލެއަށް ވަޑައިގެން މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް މައްސަލައަށް ހައްލެއް ގެންނަވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި އަންން އަންގާރަ ދުވަހުގެ ކުރިން ޖަވާބެއް ދެއްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ފެރީ ޓިކެޓް އަގުބޮޑު ކުރާތީ ހިތްހަމަ ނުޖެހިގެން މިދިއަ ހުކުރު ދުވަހު ހުޅުމާލޭގައި މުޒާހަރާކޮށް އެދުވަހުގެ ފެރީ ދަތުރުތައް ހުއްޓުވައިލި އެވެ. އަދި އިއްޔެ ވިލިމާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ވެސް ގިނަ އިރުތަކަކަށް ފެރީގެ ދަތުރުތައް މެދުކެނޑި އާންމުންނަށް ދައްޗާ ކުރިމަތިލާންޖެހުނެވެ.