އޮޑިޓް އޮފީހަށް 2019 އަހަރު ބަޖެޓުގެ ގޮތުގައި 52 މިލިއަން ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް ފާސްކޮށްފި އެވެ.

މި ނިންމުން ފާސްކުރުމަށް 47 މެންބަރުން ވޯޓު ދެއްވި އެވެ.

މި އަހަރު އޮޑިޓް އޮފީހަށް ދީފައި ވަނީ 50 މިލިއަނުގެ ބަޖެޓެކެވެ. އޮޑިޓް އޮފީހުން މަޖިލީހަށް ބަޖެޓް ފޮނުވި އިރު އެދިފައި ވަނީ ފެށޭ އަހަރަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ރިޕޯޓު ދިރާސާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ނިންމައި އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ 2019 ވަނަ އަހަރަށް ފާސްކުރާ ބަޖެޓަކީ 52 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޮޑިޓް އޮފީހުގެ މުޅި ޖުމްލަ ބަޖެޓު 60 މިލިއަން ރުފިިޔާއަށް ވުރެ އިތުރު ނުވާ މިންވަރަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން ނުވަތަ ހާއްސަ ބަޖެޓުން ފިނޭންސް މިނިސްޓްރީން ނިންމާ ގޮތަކަށް ކަމަޖެއްސުމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވަނީ އަންގައިފަ އެވެ.

އޮޑިޓް އޮފީހުން 2019 އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް 41 މިލިއަން ހިނގާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

  • ހިނގާނެ ކަމަށް ލަފާ ކުރާ ހަރަދުތައް
    އޮޑިޓަ ޖެނެރަލްގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކަށް (795،000 ރުފިޔާ)

  • މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް (41،046،000 ރުފިޔާ)
  • ޕެންޝަން ފައިސާއަށް (1،203،392 ރުފިޔާ)
    މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުމަށް (1،658،875 ރުފިޔާ)
  • މަސައްކަތްތައް ހިންގުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު (3،887،177 ރުފިޔާ)
  • އޮފީހުގެ އިދާރީ ހަރަދު (12،010،556 ރުފިޔާ)

އެހުރިހާ ހަރަދަކަށް ޖުމްލަ 60،602،001 ރުފިޔާ ހަރުވާނެ ކަމަށް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އޮޑިޓް އޮފީހުގެ 2019 އަހަރުގެ ބަޖެޓް ފާސްކުރުމަށް އިއްޔެ ވެސް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން އިއްޔެ ވޯޓު ނެގޭ ގޮތެއް ނުވި އެވެ.