31 Oct 2018, 16:46
ގަވާއިދާ ހިލާފަށް ރުއްގަސް ނަގައި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އިންދުމަށާއި ރާއްޖެއިން ބޭރަށް ގެންދާ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން ދާކަމަށް އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.
އީޕީއޭ މިއަދު ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ރުއްގަސް ނަގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެހެން ސަރަހައްދުތަކަށް އިންދަން ގެންދާކަމުގެ ހަބަރު އެ އެޖެންސީއަށް ލިބިފައިވާ ކަމަށެވެ. އީޕީއޭއިން ބުނީ އެ މައްސަލަތައް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރަށްރަށުން ރުއް ގަސް ކަނޑައި، އެހެން ސަރަހައްދުތަކުގައި އިންދުމަށް ގެންދާ މައްސަލައިގައި ބައެއް މަދަނީ ޖަމިއްޔާތަކުން މިއަދު ވަނީ އީޕީއޭއާ ބައްދަލުކޮށް، މި މައްސަލައިގައި ހުރި ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައެވެ.
A fruitful meeting was held today with concerned civil society members regarding illegal removal of palms and trees from islands. We thank the civil society for the continued support in environmental conservation and protection.pic.twitter.com/4Oct2hWeXm
— EPA Maldives (@EPAMaldives)October 31, 2018
މީގެ ކުރިން ނެރުނު އިއުލާނެއްގައި އީޕީއޭއިން ބުނީ ހުއްދަ ނެތި އެފަދަ މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ މެދު ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
އީޕީއޭ އިން މިހެން ބުނެފައިވާ އިރު ނ. މާފަރުގައި ވެސް ރުއްތަކެއް ގަވާއިދާ ހިލާފަށް ނަގައި ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މާފަރު ކައުންސިލްގެ ރައީސް އަބްދުލްމާޖިދު އަލީ "ސަން" އަށް ވިދާޅުވީ ގާވާއިދާ ހިލާފަށް ރުއް ނެގިކަމުގެ މައުލޫމާތު ލިބުމުން އެކަން ކައުންސިލުން ހުއްޓުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ށ. ޅައިމަގުގައި 500 އަށް ވުރެ ގިނަ ރުއް ކަނޑާލި ކަމަށް ބުނާ މައްސަލައެއް ވެސް ފަނީ ފެންމަތިވެފައެވެ. އީޕީއޭއިން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.