31 Oct 2018, 16:14
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަތުމަށް ފާސްކޮށްފިއެވެ.
ގޮނޑި ގެއްލޭ ގާނޫނު ނުވަތަ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.
މި ބިލު ބަލައިގަތުމަށް 34 މެންބަރުން ވޯޓު ދެއވި އިރު ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރު ތިއްބެވިއެވެ.
މެމްބަރުން ވަނީ މި ބިލު ދިރާސާކުރުރުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށްވެސް ފާސްކޮށްފައެވެ.
އެ ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
ބިލު ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، ބިލު ހުށަހަޅަން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ގޮނޑި ގެއްލުނުކަމަށް ބުނާ މެންބަރުންގެ ހައްގުތައް ގެއްލިފައި އޮތުމަށްފަހު އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ނިންމާފައިވުން ކަމަށެވެ. އަދި އެ ގާނޫނު އެގޮތަށް އޮތް ނަމަވެސް އެ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ގާނޫނު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިިދޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމު ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ވަނީ ލާޒިމްކޮށްފައެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް އިދިކޮޅުން ވަނީ މީގެ ކުރިން ސުޕްރީމު ކޯޓަށްވެސް ހުށަހަޅައިފައެވެ.
ނަމަވެސް އެ ގާނޫނު އުވާލަން ނުޖެހޭކަމަށް ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް މީގެ ކުރިން ނިންމާފައިވީނަމަވެސް ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ.
ބިލާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން މި ބިލު އިސްލާހު ކުރުމަށް ނުވަތަ އުވާލުމަށް ގިނަ މެންބަރުން ތާއީދު ކުރެއްވިއެވެ.