ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކަށް ޕީޕީއެމް އިން އައިލެންޑް އޭވިއޭޝަންއަށް ދޭން ޖެހޭ ފައިސާ، ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އުނި ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ކެމްޕެެއިން ދަތުރުތަކަށް ދޭން ޖެހޭ ފައިސާ ނުދިން ކަމަށް ބުނާ މައްސަލައިގައި އައިލެންޑް އޭވިއޭޝަނުން ވަނީ އީސީ އަށާއި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

އެނިގިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން ހުށަހެޅީ، ދައުލަތުގެ ބަޖެޓުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، އައިލެންޑް އޭވިއޭޝަނަށް ދޭން ޖެހޭ ފައިސާ އުނިކުރުމަށް ފަހު ޕީޕީއެމްއަށް ދިނުމަށެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންުގެ މެމްބަރު އަހްމަދު އަކްރަމް "ސަން" އަށް ވިދާޅުވީ އައިލެންޑް އޭވިއޭޝަނަށް ދޭން ޖޭހޭ ކަމަށް ބުނާ ފައިސާ ޕީޕީއެމްއަށް ދައުލަތުން ދޭ ފައިސާއިން އުނި ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަނުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައި ވަނީ އެ ފައިސާ، ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން ކަނޑައި ދެވެން ނެތް ކަމަށް. ކޮމިޝަނުން ގަބޫލު ކުރަނީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާއިން އުނި ކުރެވޭނީ ހަމައެކަނި ގާނޫނުން އުނިކުރަން ޖެހޭ އެއްޗެއް ނުވަތަ ކޯޓު އަމުރެއްގެ ދަށުން އުނިކުރަން ޖެހޭ އެއްޗެއް ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ފިނޭންސުން އީސީއަށް ފޮނުވީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރެން ފުރަތަމަ ބައި ޕާޓީތަކަށް ފޮނުވާފައިވާ ކަމަށާއި ބާކީ އޮތް ބައި މާދަމާ ޕާޓީތަކާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން އީސީއަށް ހުށަހެޅީ ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 4.8 މިލިއަން ރުފިޔާ އުނިކުރުމަށް އެދި އެވެ.