އައްޑޫ ސިޓީ ހިތަދޫއާއި ފުވައްމުލަކުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބައްދަލުކޮށްފިއެވެ.

އީސީއިން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫއާއި ފުވައްމުލަކުގެ ދާއިރާތަކުގެ މެމްބަރުންނާ ބައްދަލުކުރީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކުގެ އިންތިހާބީ ދާއިރާތަކަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން އެ މެމްބަރުންނާ މަޝްވަރާކުރުމަށް ކަމަށެވެ.

އީސީއިން މީގެ ކުރިން ބުނެފައި ވަނީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުޅުވާލުމުގެ ކުރިން އިންތިހާބީ ދާއިރާތަކަށް ބަދަލު ގެންނަން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އާބާދީއަށް އައިސްފައިވާ ބަދަލާއެކު މަޖިލީހުގެ ގޮނޑި އިތުރުކުރަން ޖެހޭނެ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ފުވައްމުލަކުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: އީސީ

މަޖިލީހުގެ ގޮނޑި އިތުރުކުރާނީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް އީސީއިން ވަނީ ބުނެފަ އެވެ. އަދި މިހާރު އެ ކޮމިޝަނުން ދަނީ އެކި ސަރަހައްދުތަކުގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ.