މިދިޔަ ހުކުރު ދުވަހު ޗައިނީސް ޓައިޕޭގެ ޔިލާންގައި ބޭއްވުނު "ޔީލާން އޭޝިއަން ޓްރައިތްލޯން ޗެމްޕިއަންޝިޕްސް" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި މުޙައްމަދު ހަމީދު އޭނާގެ އިވެންޓް ފުރިހަމަ ކޮށްފިއެވެ. މިއީ ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިވެރިވި މުބާރާތެކެވެ.

މުބާރާތުގައި ހަމީދު އިވެންޓު ނިންމީ ތިން ގަޑި ދެ މިނެޓް 14 ސިކުންތުންނެވެ. މިއީ ރާއްޖޭގެ ރެކޯޑް އެވެ. އަދި ހަމީދަކީ ރާއްޖޭގެ ކުރީގެ ދިގު ދުވުން ތެރިއެކެވެ.

ޓްރައެތްލޯން ގައި ހިމެނެނީ ފެތުމާއި ބައިސްކަލް ދުއްވުމާއި ދުވުމެވެ. އެގޮތުން އޭޝިއަން ޓްރައެތްލޯން އިވެންޓުގައި ފަތަން ޖެހެނީ 1500 މީޓަރު އަދި ބައިސްކަލް ދުއްވަން ޖެހެނީ 40 ކިލޯ މީޓަރު އަދި ދުވަން ޖެހެނީ 10 ކިލޯ މީޓަރަށެވެ. މިއީ އެލީޓް ކެޓަގަރީ އެވެ.

މުބާރާތުގައި ހަމީދު 1500 މީޓަރަށް ފެތީ 35 މިނެޓް ސިކުންތުން ނެވެ. އަދި އޭނާ ބައިސްކަލް ދުއްވީ އެއް ގަޑި 34 މިނެޓް 49 ސިކުންތުން ނެވެ. އަދި ދުވުމުގެ ބައި އޭނާ ފުރިހަމަ ކުރީ 50 މިނެޓް 25 ސިކުންތުން ނެވެ.

ހަމީދުގެ އިތުރުން ދެން މިމުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެ ވަނަ އެތުލީޓަކީ ރާއްޖޭގެ ދުވުމުގެ 1500 މީޓަރު އަދި 5000 މީޓަރު ދުވުމުގެ ރެކޯޑް ހޯލްޑާގެ މާޤާމް ހޯދައިފައިވާ ހުސައިން ރިއާޒެވެ.