ދެހާސް އަށް ވަނަ އަހަރު ޕްރިޔަންކާ ޗޯޕްޅާއާއި ކަންގަނާ ރަނާވަތު ނޭޝަނަލް އެވޯޑު އުފުލާލި ފިލްމު "ފެޝަން"ގެ ދެވަނަ ބައެއް ހަދަން އުލޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރު މަދޫރު ބަންޑާރް "ފެޝަން"ގެ ދެވަނަ ބައެއް ހެދުމަށް ހިޔާލުތައް ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ. އޭނާ އެހެން ބުނެފައިވަނީ "ފެޝަން" ރިލީޒްކުރިތާ ދިހަ އަހަރު ފުރުން އިންސްޓާގްރާމްގައި ފާހަކަ ކުރުމަށް ފަހުއެވެ.

މަދޫރު ބުނެފައިވާ ގޮތުގައި އެކަހަލަ ވިސްނުންތަކެއް ގެންގުޅޭތީ ފުރަތަމަ ޖެހޭނީީ ސްކްރިޕްޓް ތައްޔާރު ކުރުމާ ދޭތެރޭ ވިސްނަން ކަމަށެވެ. އެހެން ކަމުން "ފެޝަން"ގެ ދެވަނަ ބައިގެ ތަފްސީލަށް އަދި ދެވެން ނެތް ކަމަށް މަދޫރު ބުނެއެވެ.

އޮކްޓޯބަރ 29، 2008ގައި ރިލީޒްކުރި "ފެޝަން" އަކީ އިންޑިއާގެ މޮޑެލުންގެ ދިރިއުޅުމާއި ފެޝަން ދުނިޔޭގެ އަނދިރި ފަރާތް ވަރަށް ވެސް ފުރިހަމައަށް ކިޔައިދިން ވަރަށް އަސަރު ގަދަ ފިލްމެކެވެ. މަދޫރު ބުނަނީ ކުރިޔަށް އޮތް ފިލްމު ގައިވެސް އެކަހަލަ ހާދިސާ ތަކެއް ދައްކުވައިދެން ވިސްނަމުންދާ ކަމަށެވެ.

އެ ފިލްމުގެ ލީޑު ރޯލު ކުޅުނު ޕްރިޔަންކާއަށް ވަނީ ނޭޝަަނަލް އެވޯޑްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އެ ފިލްމުން ހާސިލް ކޮށްފައެވެ. އަދި ސަޕޯޓިން އެކްޓްރެސްގެ ރޯލު ކުޅުނު ކަންގަނާއަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑު އެ ފިލްމުން އުފުލާލާފައެވެ.

"ފެޝަން"ގެ ކާސްޓުންގެ ތެރޭގައި އަރުބާޒް ހާން، މުގްދޭ ގޮޑްސޭ، އަރުޖުން ބަޖްވާ އަދި ސަމީރު ސޯނީ ވެސް ހިމެނެއެވެ.