31 Oct 2018, 13:43
އެންޓި ޑިފެކްޝަން ގާނޫނު ވާންޖެހޭނީ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ނުގެއްލޭ ގާނޫނަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން މައުރޫފު ވަނީ ބިލު ވަގުތީ ކޮމެޓީ އަކަށް ފޮނުވަން ހުށަހަޅުއްވައިފަ އެވެ.
މައުރޫފު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު ވުޖޫދު ކުރެވިފައި ވަނީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.
އެ ބިލު ފަރުމާކުރެވިފައި ވަނީ މެންބަރުންގެ އެތައް ހައްގުތަކެއް ގެއްލޭ ގޮތަށް ކަމަށް މައުރޫފު ވިދާޅުވި އެވެ. އެންޓި ޑިފެކްޝަން ގާނޫނެއް އޮންނަން ޖެހޭ ކަމަށާއި ނަމަވެސް އެ ގާނޫނުން މެންބަރުންގެ ހައްގުތައް ނުގެއްލޭނެހެން ފަރުމާ ކުރެވިފައި އޮންނަންވާނެ ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
"މަޖިލީހުގެ މެންބަރުންނަކީ ވަރަށް އިއްޒަތްތެރިބަޔެއް. އެބޭފުޅުންގެ ހައްގުތައް ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީ އަށް ދިޔައީމަ އަޅުގަނޑަކަށް ކަމަކު ނުދޭ،" މައުރޫފު ވިދާޅުވީ މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ތާއީދު ކުރައްވާ ކަމަށެވެ.
ނަމަވެސް މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ވޯޓުން ހޮވާފައި ތިއްބަވާ މެންބަރުން ޕާޓީ ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި ދައުރު ހަމަވަންދެން ޕާޓީގައި ދެމިތިއްބެމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާ ކަމަށް މައުރޫފު ވިދާޅުވި އެވެ. މަޖިލީހުގެ މެންބަރުންގެ ހައްގުތައް ނުގެއްލޭ ގޮތަށް އެންޑި ޑިފެކްޝަން ގާނޫނު ވުޖޫދު ކުރުމަށް މައުރޫފު ގޮވާލެއްވި އެވެ.
އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ގުޅޭ ގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން މައުރޫފު ވިދާޅުވީ "މިހާރު ވުޖޫދުވެފައިވާ ގާނޫނު އުވާލުމަށް އެމްޑީއޭ އިން ތާއީދު" ކުރާ ކަމަށެވެ.
"އެމްޑީއޭގެ ވިސްނުން މިހުރީ މިފަދަ އެހެން ގާނޫނެއް މަޖިލީހުގެ ތެރެއިން ތަރުތީބުވެގެން ފާސްވާނެ ކަމަށް. އެމްޑީއޭ އިން ގަބުލުކުރާ ގޮތަކީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ގައުމު ދައުރުވެގެންދާއިރު ރައްޔިތުންގެ މަޖިލީހުގައި އެފަދަ ގާނޫނެއް އޮތުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި،"
މެންބަރުން މަޖިލީހަށް ހޮވަނީ ޕާޓީ އިން ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް މައުރޫފު ވިދާޅުވި އެވެ. ގާނޫނެއްގެ ދަށުން މެންބަރުންގެ ހައްގުތައް ނުގެއްލޭނެ ގޮތަށް ފްލޯ ކްރޮސިން ގާނޫނެއް ހެދިފައި އޮތުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މައުރޫފު ސިފަކުރެއްވި އެވެ. މައުރޫފު ވިދާޅުވީ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް ކަން ކުރާ އުސޫލުަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެންބަރުންގެ ހައްގުތައް ނުގެންލެނެ ފަދަ ގާނޫނެއް ވުޖޫދުކުރުމަށް އެމްޑީއޭ އިން މަސައްކަތްކުރާނެ ކަަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.