މި މަހުގެ ދެވަނަ ދުވަހު ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ދިޔައީ އޭނާގެ ކައިވެންޏަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ. ނަމަވެސް އާ ހަޔާތެއް ފަށަން ހާޝުގްޖީ އެޅި ފިޔަވަޅު ވެގެން ދިޔައީ އޭނާގެ އެންމެ ފަހު ފިޔަވަޅުތަކަށް ވެސްމެ އެވެ.

ހާޝުގްޖީގެ މަރަށް އެއް މަސް ދުވަސް ވާން ގާތްވެފައިވީ ނަމަވެސް އޭނާގެ ހަށިގަނޑަށްވީ ގޮތެއް ނޭނގެ އެވެ. އަދި އޭނާގެ އާއިލާ އާއި އެކުވެރިންގެ ސުވާލުތަކަށް ސައުދީ އާއި ތުރުކީން ވެސް ފުރިހަމަ ޖަވާބެއް ނުލިބެ އެވެ.

އެހެންނަމަވެސް ހާޝުގްޖީގެ އާއިލާ އާއި އެކުވެރިން ދަނީ އޭނާގެ މަރަށް އިންސާފު ހޯދައިދިނުމަށް ވަރުބަލިކަމެއް ނެތި ގޮވާލަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ހާޝުގްޖީގެ ހަނދާނުގައި ލަންޑަނުގައި ވަނީ އެއްވުމެއް ބާއްވައިފަ އެވެ.

ހާޝުގްޖީގެ އެކުވެރިއެއް އަދި އަލް ޖަޒީރާ ނެޓްވޯކްސްގެ ކުރީގެ ޑިރެކްޓަރު ވަދާ ޚަންފަރު ވަނީ ހާޝުގްޖީ މަރާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއާ ބައްދަލުވެ ވާހަކަ ދެއްކި ކަމަށް ބުނެފަ އެވެ. އަދި އޭރު ހާޝުގްޖީގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަން ކަމަށާއި އޭނާ ހުރީ އާ ހަޔާތެއް ފެށުމުގެ އުއްމީދުގައިކަން ފާހަގަކޮށްފަ އެވެ.

ޖަމާލް ހާޝުގްޖީގެ ހަނދާނުގައި ލަންޑަނުގައި ބޭއްވި ބައްދަލުވުން -- ފޮޓޯ: އޭޕީ

"ޖަމާލް މަރާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ވަނީ ސައުދީ އަރަބިއާގައި ތިބި އޭނާގެ ދަރިންނާ ބެހޭ ގޮތުންނާއި އިސްތަންބޫލުގައި އާއިލާއެއް ފެށުމުގެ އުއްމީދާ ބެހޭ ގޮތުން އަހަންނާ ވާހަކަ ދައްކާފައި.

"އަހަރެމެން ދެ މީހުން ހީ ސަމާސާކޮށް ހެދިން. އަދި އަހަރެން ބުނިން- ކުރިން (ހާޝުގްޖީ) ފެނުނު އިރަށް ވުރެ މިހާރު 10 އަހަރު ޒުވާން ވެފައިވާ ހެން ހީވާ ކަމަށް. އަދި އޭނާ ބުނި- 'އެއީ އާ ލޯތްބެއް' ކަމަށް،" ޚަންފަރު ކިޔާ ދިނެވެ.

ހާޝުގްޖީގެ އެއާލޯތްބަކީ ތުރުކީގެ ޕީއެޗްޑީ ދަރިވަރެއް ކަމަށްވާ ހަދީޖާ ޖެންގިޒް އެވެ. ޖެންގިޒް ވަނީ ހާޝުގްޖީގެ މަރާއެކު އޭނާގެ "ހިތާއި ނަފްސުގައި ހުސްކަމެއް" އުފެދިފައިވާ ކަމަށް ބުނެފަ އެވެ.

ޖެންގިޒް ވަނީ ހާޝުގްޖީއަކީ "މަޑުމައިތިރި، އޯގާތެރި، ހަންހާރަވެތި، ދީލަތި" މީހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އޭނާ މިހާރު ވަނީ ސައުދީ އަރަބިއާއަށް ޑިމޮކްރަސީ ގެނައުމަށް ޓަކައި ކުރި މަސައްކަތުގައި ޝަހީދަކަށްވެފައި ކަމަށް ބުނެފަ އެވެ.

މަރާލާފައިވާ ނޫސްވެރިޔާގެ ލޯބިވެރިޔާ ހަޓީޗޭ ޖެންގިޒް -- ފޮޓޯ: ރޮއިޓާސް

ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔަ ދުވަހު ޖެންގިޒް ވެސް އޭނާއާ އެއްކޮށް ދިޔަ އެވެ. ނަމަވެސް އޭނާ މަޑުކުރީ ކޮންސިއުލޭޓުގެ ބޭރުގަ އެވެ. އަދި އެގާރަ ގަޑިއިރުވަންދެން ހާޝުގްޖީ ނުކުންނަން ދެން މަޑު ކުރި ނަމަވެސް، އޭނާގެ ހަބަރެއް ނުވި އެވެ.

"ކަންތައްތައް ވާނީ އެހެންކަން އަހަރެންނަށް ކުރިން އެނގުނު ނަމަ، އަހަރެން ވެސް ކޮންސިއުލޭޓަށް ވަންނާނަން... އެކޮންސިއުލޭޓު ތެރޭގައި ޖަމާލް މަރާލަން ތައްޔާރުވެގެން ބަޔަކު ތިބިކަން އެނގުނު ނަމަ، އޭނާ އެތަނަށް ދިޔުން ހުއްޓުވުމަށް ޓަކައި އަހަރެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" ޖެންގިޒް ބުންޏެވެ.

އަދި ޖެންގިޒް ވަނީ ހާޝުގްޖީގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައިފަ އެވެ.

"އަހަރެން ބޭނުން އިންސާފު. އަހަރެންގެ ލޯބިވެރިޔާ ޖަމާލް މަރާލި މީހުންގެ އިތުރުން އެކަން ރާވައި އެކަމަށް އަމުރު ކުރި މީހުންނަށް. މިއީ ހަމަ އެކަނި އަހަރެންގެ ސުވާލުތަކެއް ނޫން: މިއީ އެތައް މިލިއަން މީހުން ކުރަމުންދާ ސުވާލުތަކެއް،" ހާޝުގްޖީގެ މަރުގެ ފަހަތުގައިވާ މީހުންނާ ބެހޭ ގޮތުން ކުރަމުން ޖެންގިޒް ބުންޏެވެ.

ހާޝުގްޖީގެ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު، އެބައްދަލުވުމުގެ ބައެއް ބައިވެރިން ވަނީ މުސްތަގުބަލުގައި އެހެން މީހުން ހާޝުގްޖީގެ ހަނދާންއާ ކުރާނެ ގޮތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

"އަންނަން އޮތް ޖީލުތަކުން ޖަމާލް ހަނދާން ކުރާނީ ސައުދީއަށް ބޯ ތިރި ކުރަން ދެކޮޅު ހެދި މީހާގެ ގޮތުގައި، މިނިވަންކަމަށް ޓަކައި ފުރާނަ ގުރުބާން ކުރި މީހާގެ ގޮތުގަ، ޖަމާލް ވަނީ އޭނާގެ [ގައުމުގެ] މީހުންނަށް ބަތަލެއް ފޯރުކޮށްދީފައި،" ހިއުމަން ރައިޓްސް ވޯޗް މިޑްލް އީސްޓުގެ އެގްޒެކެޓިވް ޑިރެކްޓަރު ސާރާ ވިޓްސަން ބުންޏެވެ.

ހާޝުގްޖީގެ އާއިލާ އާއި އެކުވެރިން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލަން އަމުރުކޮށްފައި ވަނީ ސައުދީ ސަރުކާރުގެ އިސް ވެރިންނެވެ. ނަމަވެސް އެގައުމުގެ އޮފިޝަލުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.