ގުޅުމެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އިހްތިރާމް ކުރުން ކަމަށާއި، ނިކް ޖޯނަސް ދެކެ ލޯބިވެވުނީ އޭނާގެ އެ ސިފަ ކަމުދިއުމުން ކަމަށް، ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ޕްރިޔަންކާ އަދި ނިކްގެ ގުޅުމަށް އަދި މާގިނަ ދުވަހެއް ނުވި ނަމަވެސް، ދެމީހުން މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ޑިސެމްބަރު މަހު އިންޑިއާގެ ޖޯދްޕޫރުގައި ކައިވެނި ކުރާނެ ކަމަށް ރިޕޯޓުތައް ބުނާއިރު، ޕްރިޔަންކާގެ "ބްރައިޑަލް ޝަވާ" ވެސް މިހާރު ވަނީ ބާއްވައިފައެވެ.

"އިހްތިރާމް ކުރުމުގެ މާނައަކީ އެކަކު އަނެކަކަށް ކޮފީ ހަދައިދިނުމެއް ނޫން. އެއީ ތިމާ ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުން." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ އިހްތިރާމަކީ ދެމީހުންގެ މަސައްކަތަކީ ވެސް އެއްވަރަށް މުހިންމުކަން ދެކި، ނިންމުންތަކުގައި އެކަކު އަނެކެއްގެ ޚިޔާލު ހޯދުން ކަމަށެވެ. އަދި ކާމިޔާބީގައި ތައުރީފުކޮށް ހިތްވަރުދީ، ދެމީހުން އެކަކު އަނެކަކަށް އިތުބާރު ކުރާނަމަ ގުޅުން ކުރިއަށް ގެންދަން ވަރަށް ފަސޭހަވާނެ ކަމަށެވެ.

ކޮންމެ އަންހެނަކަށް ވެސް ހައްގު ވަނީ އިހްތިރާމް ކުރަން ދަންނަ ބައިވެރިއެެއް ކަމަށާއި، އެފަދަ މީހަކާ އެކުގައި ނޫނީ ދިރިއުޅުމެއް ނުފެށުމަށް އެދިފައެވެ.