އަންނަ ހޮނިހިރު ދުވަހު މެލޭޝިއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ގައުމީ ޓީމުގެ ސްކޮޑުގައި، ފޯމުގައި ހުރި ކްލަބް އީގަލްސްގެ ފޯވަޑް އަހުމަދު ރިޒުވާން (ރިޒޭ) ހިމަނައިފި އެވެ.

އެއް އަހަރަށް ފަހު ރިޒޭ ގައުމީ ސްކޮޑުގައި ހިމެނާފައިވާ އިރު އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް 27 ގޯލު ޖަހައިފަ އެވެ.

ރިޒޭ ގައުމީ ސްކޮޑަށް ނަގާފައި މިވަނީ އޭނާގެ ފަރާތުން ލީގުގައި ތަފާތު މޮޅު ކުޅުމެއް ފެންނަމުންދާ ދުވަސްވަރެއްގަ އެވެ. އެގޮތުން އޭނާ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހި ޖެހިގެން ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަހަމަކޮށްފަ އެވެ.

ރިޒޭގެ އިތުރުން ސެޕްޓެމްބަރު މަހު ކުޅުނު ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި، ދެ ކުޅުންތެރިން ކަމަށްވާ އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އަށް މިފަހަރު ސްކޮޑުން ފުރުސަތު ދީފައިވެ އެވެ. މުބާރާތުގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ޣަނީ، އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު، އާއި ތިން ވަނަ ކީޕަރު ހަަސަން ތޮލާލް އެވެ.

މިފަހަރުގެ ސްކޮޑަށް އެންމެ ގިނަ ކުޅުންތެރިން ނަގާފައި ވަނީ މާޒިޔާއިންނެވެ. އެ ކްލަބުން ހަ ކުޅުންތެރިން ސްކޮޑަށް ނަގާފައިވެ އެވެ. ދެން އެންމެ ގިނައިން ސްކޮޑުގައި ހިމެނާފައި ވަނީ އީގަލްސްގެ ކުޅުންތެރިންނެވެ. އެ ކްލަބުގެ ފަސް ކުޅުންތެރިން ވަނީ ސްކޮޑުގައި ހިމަނާފަ އެވެ.

މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑު:

  • މާޒިޔާ:އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން، ހުސެއިން ޝަރީފް، އަހުމަދު އިމާޒް، ނާއިޒު ހަސަން، ސަމޫހު އަލީ

  • ކްލަބް އީގަލްސް:ހުސެއިން ޝިފާއު، އަހުމަދު ނޫމާން، މުހައްމަދު ނާއިމް، މުހައްމަދު އާރިފް، އަހުމަދު ރިޒުވާން
  • ނިއު ރޭޑިއަންޓް:ހަމްޒާ މުހައްމަދު، މުހައްމަދު ފައިސަލް، އަލީ ފާސިރު، އަކުރަމް އަބްދުލް ގަނީ
  • ޓީސީ ސްޕޯޓްސް ކްލަބް:އިބްރާހިމް ވަހީދު ހަސަން، އިބްރާހިމް މަހުދީ
  • ކްލަބް ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، އަބްދުﷲ ޔާމީން
  • ވިކްޓަރީ:ހުސެއިން ނިހާން

މި ފަހަރުގެ ސްކޮޑުގައި ވެސް ގައުމީ ޓީމުގެ ޓޮޕް ސްކޯރާ އަލީ އަޝްފާގު (ދަނގަޑޭ) ހިމަނާފައެއް ނުވެ އެވެ. ދަނގަޑޭ ވަނީ މި ސީޒަނުގައި މިހާތަނަށް 35 ގޯލު ޖަހާފަ އެވެ.