ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުން މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެންބަރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.

ރިޒާ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"މިގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ ކަންތައް ހިންގުމުގައްޔާއި ކޯޓާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭ ކަމަށް ގާނޫނު އަސާސީ އިން ލާޒިކޮށްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ގާއިމު ނުވާ ކަމުގައި ރައްޔިތުންނާއި އދ. އާއި މުޅި ދުނިޔެއިން ފާހަގަކޮށް ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ލަފާދެއްވަމުން ނުދާ،" ކަމަށް ނާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ރިޒާ ކޯޓަށް ވަޑައިގަންނަވާ ކަމަށާއި އެއީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްކަމަށް އެ މައްސަލާގައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި ހަމައާއި އިންސާފުން އެއްކިބާވެވަޑައިގެން އެކަން ކުރައްވާ ކަމަށް ރިޒާ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައްޔާއި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މެންބަރު ރިޒާ ހުންނެވުމުގެ ސަބަބުން ލިބޭ ފުރުސަތުތަކެއް ކަމަށް ގަބޫލު ކުރެވޭ ގޮތަށް ސަރުކާރު ކުންފުނިތަކުގެ ވަކީލުކަން ކޯޓުތަކުގައި ކުރެއްވުމަށް ބޮޑެތި ފީ ނަންގަވާ ކަމަށާއި އެގޮތުން ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ފީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ މިއީ ކޮރަޕްޝަން އެކުލެވޭ ކަމެއްކަމަށް ބުނެފައިވެ އެވެ.

ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.