އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަަހެޅި ހުށަހެޅުން ބަލައިގެންފިއެވެ.

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން ވިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ހަތަރު ވަނަ ޖަލްސާއަށް ހުށަހެޅި ހުށަހެޅުން ބަލައިގަތީ 30 މެންބަރުންގެ ވޯޓާއެކުއެވެ. ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލު ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ، ބިލު ހުށަހަޅަން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ގޮނޑި ގެއްލުނުކަމަށް ބުނާ މެންބަރުންގެ ހައްގުތައް ގެއްލިފައި އޮތުމަށްފަހު އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ނިންމާފައިވުން ކަމަށެވެ. އަދި އެ ގާނޫނު އެގޮތަށް އޮތްނަމަވެސް އެމެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މެންބަރުންގެ ގޮނޑި ގެއްލޭނެ އުސޫލުތަކަކީ ކޮބައިކަން ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ވަރަށް ސާފުއިބާރާތުން ލިޔެފައި އެބައޮތް. މި ބިލު އޮތުމުގެ ސަބަބުން މަޖިލީހުގެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރެވޭކަން އެއީ ވަރަށް ސާފުކޮށް އެނގެން އޮތްކަމެއް،" ރިޔާޒު ވިދާޅުވިއެވެ.

ޕާޓީގެ ވިޕްލައިނާ ހިލާފުވާގޮތަކުން ނޫނީ ޓްވީޓެއް ކޮށްލާ ގޮތަކުން ގޮނޑި ގެއްލުމަކީ އެއްވެސް އުސޫލެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ރިޔާޒު ވިދާޅުވީ، ވެރިކަމުގައި ހުންނަ މީހަކު ވެރިކަން ކުރަން ދަސްކުރަންޖެހޭނެ ކަމަށެވެ.

"އުނދަގޫ މަރުހަލާތައް އަންނާނެ. އެ ހުރިހާ މަރުހަލާއަކަށް ކެރިގެން ކުރިމަތިލާ ހައްލުކޮށްގެން ކުރިއަށްދާން ދަސްކުރަން ޖެހޭނެ" ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ކޮރަޕްޝަން ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނޫން. ކޮރަޕްޝަން ހިންގާފައި އޮތް ގޮތާ ކުރާ ގޮތާ މިހުރިހާ ކަމެއް ލަހެއްނެތި އަޅުގަނޑުމެންނަށް އެނގޭނެ،"

ރިޔާޒު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހިންގީ މަޖިލީހުގެ މެންބަރުންތޯ ކުންފުނިތައް ހިންގަން ތިބި ބޭފުޅުންތޯ ނޫނީ މިނިސްޓަރުންތޯ ވަރަށް އަވަހަށް އެނގޭނެ ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު ފާސްކުރި ދުވަހުވެސް ގާނޫނާ ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް ރިޔާޒު ވިދާޅުވިއެވެ. އެ ގާނޫނު ފާސްކުރަން ވޯޓު ދިނުމަކީ "ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް"ގެ ގޮތުގައި ރިޔާޒު ސިފަކުރެއްވިއެވެ.

މަޖިލީހުގެ ހައްގުތަކުގެ ތެރެއަށް ސަރުކާރަކަށްވެސް ސުޕްރީމު ކޯޓަކަށްވެސް ނުވަދެވޭނެކަމަށް ރިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިން ރިޔާޒު ސަންއަށް ވިދާޅުވީ ގާނޫނު އުވާލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެ ގާނޫނުގެ ސަބަބުން ހުރަސް އެޅޭތީ ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިިދޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމު ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން ވަނީ ލާޒިމްކޮށްފައެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް އިދިކޮޅުން ވަނީ މީގެ ކުރިން ސުޕްރީމު ކޯޓަށްވެސް ހުށަހަޅައިފައެވެ. ނަމަވެސް އެ ގާނޫނު އުވާލަން ނުޖެހޭކަމަށް ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް މީގެ ކުރިން ނިންމާފައިވީނަމަވެސް ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ވަނީ ނިންމައިފައެވެ. އަދި އިތުރު އަށް މެންބަރުންގެ ގޮނޑީގެ މައްސަލަ މިހާރު ކޯޓުގައި ކުރިއަށް އެބަދެއެވެ.