ވޮޝިންޓަން (އޮކްޓޯބަރ 31) : ސައޫދީ އިސްވެ އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަނުން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ހުއްޓާލުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ޕޮމްޕެއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔަމަންގެ ހަނގުރާމަ، އެގައުމުގެ އާންމުންގެ ދިރިއުޅުމަށާއި އެމީހުންގެ ފުރާނައަށް ނުރައްކާކުރާ ކާރިސާއަކަށް މިހާރު ވެއްޖެ ކަމަށާއި އަދި އެއީ ބަލައިގަނެވެންނެތް އަޚްލާގީ މައްސަލައަކަށް ވެސް ވެއްޖެ ކަމުގައެވެ. އަރަބި ކޯލިޝަނުން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ އެގައުމުގެ ކުށެއްނެތް އާންމުންނަށް އަމާޒުކޮށް އާންމުންގެ ބޮލަށް ބޮންއަޅާތީ އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި އާންމުންނަށް ދޭ ހަމަލާތައް އެއްވެސް ވަރަކަށް ދިފާއުނުކުރެވޭނެ ކަމަށް ޕޮމްޕެއޯ ނެރުއްވި ބަޔާނުގައިވެ އެވެ.

އަރަބި ކޯލިޝަނުން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ޔަމަންގެ އާންމުންގެ 10 ހާސް މީހުން މަރުވެ، ދެ މިލިޔަނަށް ވުރެ ގިނަ މީހުން ޒަޚަމްވެ 40 ހާސް މީހުން ޒަޚަމްވެފައިވާއިރު ޔަމަންގެ ދެ މިލިޔަން މީހުން ބަނޑަށްޖެހި ހައިހޫނުކަން ތަހައްމަލް ކުރާކަމަށް ކަމަށް އދ. ން ބުނެ އެވެ. ޔަމަނާ ދެކޮޅަށް އަރަބި ކޯލިޝަނުން ކުރާ ހަނގުރާމަ ހުއްޓާލުމުގެ ވަގުތު މިހާރު ޖެހިއްޖެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއިރު އެކޯލިޝަނަށް ހަތިޔާރާއި ވަސީލަތްތަކާ އަދި އަސްކަރީ ތަމްރީނާއި ތަޖްރިބާއާއި ޖާސޫސީ މައުލޫމާތާއި ސެޓަލައިޓްގެ އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާއިންނެވެ. އަދި ޔަމަނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިން ޔޫއޭއީ އާއި ސައޫދީ އަށް ވިއްކާ އެތައް ބިލިޔަން ޑޮލަރެއްގެ ހަތިޔާރުގެ ޝިޕްމަންޓްތަކަކީ އެމެރިކާގެ އިގްތިސާދުގެ ދިރުންކަމަށާއި ހަތިޔާރު ވިއްކުން ހުއްޓާނުލެވޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވާހަކަ ދައްކަވަމުންނެވެ.

އެހެންކަމުން ޔަމަންގެ ހަނގުރާމަ ވަގުތުން ހުއްޓާލައި ސުލްޙައިގެ ވާހަކަތަކުން މައްސަލަ ހައްލުކުރުމަށް ގޮވާލައި އެމެރިކާގެ ޚާރިޖީ ވަޒީރު ނެރުއްވި ބަޔާނަކީ އެމެރިކާގެ ސިޔާސަތަށް ބަދަލުތަކެއް އައިސްގެން ނެރުނު ބަޔާނެއްކަން ނޫނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އަރަބި ކޯލިޝަނުން ޔަމަންގެ އާންމުން މަރައި ޔަމަންގެ ރައްޔިތުން ހައިހޫނު ކަމުގެ ހާލަތަށް ވައްޓާލުމާއެކު އެކަމުގެ މަލާމާތުން އެމެރިކާ ސަލާމަތްވުމުގެ ގޮތުން ބޭނުންކުރި އުކުޅެއްތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އެމެރިކާ މީގެކުރިން ވެސް ވަނީ ޔަމަންގެ ހަނގުރާމަ ހުއްޓާލަންޖެހޭ ކަމަށާއި އެ ހަނގުރާމައިގާ ޔަމަންގެ އާންމުން މަރުވަމުންދާތީ ކަންބޮޑުވާކަން އެތަށް ފަހަރަކު ހާމަކޮށްފަ އެވެ. ނަމަވެސް ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ މަސައްކަތްނުކުރާކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)