25 Sep 2011, 13:33
ބ. އޭދަފުށީ އޮފީހުގެ ތިޖޫރީގައި ހުރި ސަތާރަ ހާހަށްވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވި ކަމަށް ބުނެ އޭދަފުށީ ކުރީގެ ކުޑަކަތީބު މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.
އޭސީސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިޔާނާތުގެ ކުށުގެ ދައުވާކޮށް ދިނުމަށް އެދި މިދިޔަ ހަފުތާގައި ޕިޖީއަށް ހުށަހަޅާފައިވަނީ އެރަށު ސަކީނާ މަންޒިލް، މުހައްމަދު ޝަކީލްގެ މައްޗަށް ކަމަށެވެ. އަދި ބުނީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދުނީ އޭދަފުށީ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާތަކެއް މަދުވަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެލި އިރު ތިޖޫރީން 17،764.30ރ. މަދު ކަމަށް ފާހަގަކުރެވިގެން ކަމަށެވެ.
އޭސީސީން ބުނީ އެ ފައިސާ މަދުވިއިރު ތިޖޫރީއާ ހަވާލުވެ ހުންނެވީ ޝަކީލު ކަމަށާއި އޭނާ ތިޖޫރީއާ ހަވާލުވެ ހުންނެވި ދުވަސްވަރު، ވަގަށް ބަޔަކު ތިޖޫރީ ފަޅާލާފައިވާކަން ނުވަތަ ތިޖޫރީއަށް ގެއްލުމެއް ދީފައިވާކަން އެނގެން ނެތް ކަމަށެވެ. އެދުވަސްވަރު ތިޖޫރީ ތަޅުދަނޑި އޮތީ ޝަކީލުގެ އަތުގައި ކަމަށާއި ތިޖޫރީން މަދުވާ ފައިސާ ނަގާފައިވަނީ ތަޅުދަނޑި ބޭނުންކޮށްގެން ހުޅުވުމަށްފަހު ކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ޝަކީލްއާ ތިޖޫރީ ހަވާލުކޮށްފައި ވަނީ މެއި16، 2005 ގަ އެވެ. އޭނާއާ ތިޖޫރީ ހަވާލުކޮށްފައިވަނީ ތިޖޫރީގައި ހުންނަންޖެހޭ ކަމަށް ލިޔެކިޔުމުން ދައްކާ އަދަދަށް އެ ތިޖޫރީގައި ފައިސާ ހުރި ކަމަށް ދެމީހުން ސޮއިކުރުމަށްފަހު އެވެ.