31 Oct 2018, 12:36
ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފަރާތުން، އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ކޮމެޑީ ފިލްމު "މާމުއި"ގެ ޝޫޓިންގެ 95 އިންސައްތަ މަންޒަރު ނަގައި ނިމިއްޖެ ކަމަށް އެ ޓީމުން ބުނެފިއެވެ.
ފިލްމާ ބެހޭ ގޮތުން ސަން އަށް މައުލޫމާތު ދެމުން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ގިނަ މަންޒަރުތައް ނަގައި ނިންމާފައިވާކަމަށެވެ.
"މިހާރު ފިލްމުގެ 95 އިންސައްތަ ޝޫޓްކޮށް ނިމިފައި އޮތީ، ވަރަށް ހިތް ހަމަޖެހޭ ޝޫޓިން ކުރިޔަށް ދާގޮތާ މެދު. ކުޑަދުވަސްކޮޅެއްތެރޭ ޝޫޓިން ނިންމާލެވޭނެ،"
ފިލްމުގެ މަންޒަރެއް---
މޮގާ ބުނީ ފިލްމުގެ އިންޑޯ މަންޒަރުތައް އެއްކޮށް ނަގައި ނިމިއްޖެކަމަށާއި ކުރިއަށް އޮތީ ފިލްމުގެ އައުޓްޑޯ މަންޒަރުތައް ނެގުން ކަމަށެވެ. ޝޫޓިން ފަށާތާ 10 ވަރަކަށް ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އައުޓްޑޯ ޝޫޓިން ފަށާތާ 10 ވަރަކަށް ދުވަސްތެރޭ ނިމޭނެ. ވިއްސާރަވީމަ އަދި އައުޓްޑޯ މަންޒަރުތައް ނަގާކަށް ނުފެށޭ،" މޮގާ ބުންޏެވެ.
މަންޒަރު ޝޫޓްކުރާ ދުވަހު ވަގުތުން ވަގުތަށް އެޑިޓިންގްގެ މަސައްކަތް ވެސް ކުރާ ކަމަށް މޮގާ ބުންޏެވެ.
"ސަން"އަށް ކުރިން ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ޗިއްޕެ ބުނީ، ފިލްމުގެ ޓީމުން ތިބީ ތަފާތު ދައްކަން ރެޑީގައި ކަމަށާއި ބެލުންތެރިން ހެއްވާލާނެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހުންނާނެކަމަށެވެ.

"މާމުއި" ގެ ޕޯސްޓަރެއްގައި ޝީލާ އާޢި ސުނީ....
މާމުއިގައި ހަރަކާތްތެރިވާ ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެއެވެ.