ފިހާޅޮހި އައިލެންޑް ރިސޯޓުން ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާ ފެނިފައިވަނީ ގެއްލިގެން ހޯދަމުންދަނިކޮށް މޫދު އަޑިން ކަމަށެވެ. އޭނާގެ ހަށިގަނޑު ފެންމަތިކުރުމަށް ކޯސްޓުގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މާފުށީގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފިލިޕީންސް އަށް ނިސްބަތްވާ މި ފަތުރުވެރިޔާ އަކީ މާފުށީގައި ހުރެފައި ފިހާޅޮއްސަށް ޑޭ ވިޒިޓަށް ދިޔަ ފަތުރުވެރިޔެއްކަމަށް އެ ރިސޯޓުން ބުންޏެވެ.

"އޭނާ މޫދަށް އެރުނު ސަރަހައްދަކީ ވަރަށް އޮއި ގަދަ ނުރައްކާ ހިސާބެއް. އެއީ ރައްކާތެރި ހިސާބެއް ނޫންކަމަށް ބުނެ ފާހަގަވެސް ޖަހާފަ ހުންނާނެ." ފިހާޅޮހިން މައުލޫމާތު ދިނެވެ.

މަރުވި ފަތުރުވެރިޔާ އަކީ އުމުރުން 31 އަހަރުގެ މީހެކެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.