31 Oct 2018, 09:21
އިންޑިއަން އައިޑަލްގެ 10 ވަނަ ސީޒަން ފެށިގެން ކުރިއަށްދާއިރު ޖަޖު އަނޫ މާލިކް ޖަޖުންގެ ޕެނަލުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ.
އަނޫ ޖަޖުންގެ ޕެނަލް އިން ވަކިކުރުމާއެކު ގިނަ ބަޔަކު ދަނީ ދެން ޖަޖުންގެ ޕެނަލް އިން ފެނިގެންދާނީ ކޮން ޖަޖެއްތޯ ސުވާލު ކުރަމުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ޝޯގެ އަނެއް ދެ ޖަޖުންނާ އެކު ބައިވެރިވާނީ ގެސްޓް ޖަޖުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ނިމިގެން ދިޔަ ހަފްތާގެ އެޕިސޯޑުގައި ޖަޖުންގެ ޕެނަލް އިން ނެހާ ކައްކަރް އާއި ޝާލް ދަދްލާނީގެ އިތުރުން ފެނިގެން ގޮސްފައިވަނީ މަޝްހޫރު ދެ މިއުޒިޝަނުން ސާލިމާއި ސުލައިމާނެވެ.
ގަދަ ހަތް ބައިވެރިންނާ އެކު އައިޑަލްގެ ފޯރިގަދަވަމުން އައި ދުވަސްވަރުގެ ޝޯތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވާނީ ގެސްޓް ޖަޖުންނެވެ. ކުރިއަށް އޮތް ހަފްތާގެ އެޕިސޯޑްގައި ޖަޖުންގެ ޕެނަލް އިން ފެނިގެންދާނީ ކާމިޔާބު ލަވަކިޔުންތެރިޔާ ޖާވިދު އަލީ އާއި އިންޑިއާގެ މަޝްހޫރު ޔޯގާ ގުރޫ ބާބާ ރާމްދޭވް ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ސޮނީ ޗެނަލުން ދައްކަމުން އަންނަ އިންޑިއަން އައިޑަލްގެ ޖަޖު އަނޫ ޕެނަލުން ވަކިކުރީ އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރުމުން ކަމަށް ސޮނީ ޗެނަލުން ބުނެއެވެ.
ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގައެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތެވެ.