25 Sep 2011, 13:34
މި މަހުގެ ނުވަ ވަނަ ދުވަހު ކ. ހުރައަށް ފީލްޑް ޓްރިޕެއްގައި ގޮސް އުޅެނިކޮށް މަރުވި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ނިޔާވި ހާދިސާ އާ ގުޅިގެން އެކުލަވާލި ޓީމުގެ ރިޕޯޓު، އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާ އާ ހިއްސާކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައެޅި ހަތް މެންބަރެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން ތައްޔާރު ކުރި ރިޕޯޓް އިއްޔެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހަމަދުގެ ހާޒިރުގައި އެ ބެލެނިވެރިންނަށް ހުށަހަޅުއްވައިދެއްވީ ކޮމެޓީ ޗެއާމަން ޑރ. އަބްދުލްމުހުސިނެވެ.
އެ ބައްދަލުވުމާ ހަވާލާދީ ރޭ އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ބަޔާނުގައި އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް އަދި އެކަން ހިނގީ ކޮން ބައެއްގެ އިހުމާލަކުން ކަމެއް، ޒިންމާވާ ފަރާތަކީ ކޮބައިކަމެއް ބުނެފައެއް ނުވެ އެވެ.
ހިރިޔާ ސްކޫލްގެ އިސްވެރިންނާއި އެ ސްކޫލުގެ ބޯޑް ޗެއާޕާސަނާއި މިނިސްޓަރުގެ އިތުރަށް، މިނިސްޓަރުގެ ނައިބު ޑރ. އަބްދުﷲ ނަޒީރު ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި، ރިޕޯޓާ ހަވާލާދީ ހިއްސާ ކުރި މައުލޫމާތުގައި، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް ބަޖެޓްގައި ވަކި ޕްރޮގްރާމެއް ކަނޑައެޅުމަށް ރިޕޯޓްގައި ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ސްކޫލްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހަދާފައިވާ ގަވާއިދުތައް ސްކޫލްތަކުގެ ވެރިންނާއި މުވައްޒަފުންނަށް މި އަހަރު ނިމުމުގެ ކުރިން އެންގުމަށާއި އެކަން އެޑިއުކޭޝަން މިނިސްޓްރީން ކަށަވަރު ކުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.
އަދި އާންމުކޮށް ކުޅިވަރުގެ ހަރަކާތްތައް ހިންގާ ސަރަހައްދުތަކާއި ކޭމްޕް ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ކަމާ ގުޅޭ ފަރާތްތަކާ އެކު ހަމަޖެއްސުމާއި ކުދިންގެ ސަލާމަތާއި ރާއްކާތެރިކަމަށް ހަދާފައިވާ ހުރިހާ ގަވާއިދުތައް މުރާޖަޢާ ކުރުން އެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އިއްޔެގެ ބައްދަލުވުމުގައި ދެއްވާފަ އެވެ.
ހުރާގެ ހާދިސާ ހިނގުމާ އެކު އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވެފައި ވަނީ އެކަން ހިނގަން މެދުވެރިވި ގޮތް ބައްލަވައި އަދި އާންމު ކުރައްވާނެ ކަމަށެވެ.
ނަމަވެސް މިނިސްޓަރު މިއަދު ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ނިންމެވި ގޮތް ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.
ހުރާގެ ހާދިސާގައި ނިޔާވި ކުދިންގެ ބެލެނެވިރިންނަށް ކޮމެޓީގެ ރިޕޯޓްގެ މައުލޫމާތު ދެއްވި ބައްދަލުވުމުގައި ހިރިޔާ ސްކޫލުގެ ބައެއް ބެލެނިވެރިން ވަނީ އެ ހާދިސާގެ ވާހަކަ ތަކުރާރުކޮށް މީޑިއާގައި ނުދެއްކުމަށް އެދިވަޑައިގަތްފައި ކަމަށް ވެސް އެޑިޔުކޭޝަނުން ބުންޏެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި އެކަމަށް އެންމެ ބޮޑަށް އެދިފައިވަނީ ޕްރިންސިޕަލް ނާޒިމްގެ އާއިލާއިންނެވެ.
ނަމަވެސް އެ ހާދިސާގައި ނިޔާވި މަރިޔަމް ޝައިހާގެ މަންމަ އައިޝަތު ވަހީދާ މިއަދު ވިދާޅުވީ އިއްޔެގެ ބައްދަލުވުމުން އޭނާގެ ދަރިފުޅު ގެނބިގެން މަރުވާން ދިމާވި ސަބަބު ނޭނގުނު ކަމަށާއި އެކަން އެނގުމަށް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ރިޕޯޓް އާންމު ކުރުމަކީ އޭނާ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.
ވަހީދާ ވިދާޅުވީ އެ ރިޕޯޓް އާންމުކުރުމުގެ ބޭނުމަކީ ފަހުން ހިނގައިފާނެ އެފަދަ ކަމަކުން ރައްކާތެރިވެ ތިބުމަށް ވީހާ ގިނަ ބަޔަކަށް މައުލޫމާތު ދިނުމަކީ ބޭނުން ތެރިކަމެއް ކަމަށްވާތީ ކަމަށެވެ.
ހުރާ ހާދިސާގައި ނިޔާވި ކުދިންންގެ އާއިލާތަކަށް ރިޕޯޓާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމަށް ދައުވަތު ދެއްވާފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ރިޕޯޓް އެކުލަވާލި ޓީމުން، މޯލްޑިވްސް ކްލެފިކޭޝަން އޮތޯރިޓީގެ ޗެއާމަން ޑރ. އަބްދުލްމުހުސިނަށް އެކަންޏަށެވެ.