އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ފައިނޭންސް މިނިސްޓްރީ އަށް ހުށަހަޅާނެ ކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ގާނޫނުގައި އޮންނަނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކަމަށެވެ.

"މާލިއްޔަތު ގާނޫނުގައި އޮންނަނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ފައިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަންޖެހޭނެ ވާހަކަ. އެހެންވީމަ އެ މަނިކުފާނަށް އެކަން ކުރެއްވޭނެ ގޮތަށް އެ މުއްދަތު އޮއްވާ އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ބަޖެޓު އެ ބޭފުޅުންނާ ހިސާބަށް ދާނެ،" މާރިޔާ ވިދާޅުވި އެވެ.

އެހެން ކަމުން މަޖިލީހާ ހިސާބަށް ބެޖެޓު ފޮނުވޭހާ ވަގުތު އޮއްވައި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ފިނޭންސަށް ހުށަހަޅުއްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އާ ސަރުކާރުން ބޭނުންވާ ބަޖެޓު އެއްވެސް އުނިއިތުރެއް ނެތި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.