25 Sep 2011, 12:38
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ލީގު، ދިރާގް ދިވެހި ލީގުގެ އައްޑަނަ ވިދިވިދިގެން ތިންވަނަ ފަހަރަށް ވީބީ ސްޕޯޓްސް ކުލަބުން އުފުލާލައިފިއެވެ.
ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވީބީން މިއަރުގެ ލީގް ކާމިޔާބުކޮށް އައްޑަނަ އުފުލައިލީ ލީގުގެ ފަހު މެޗްގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކުލަބް އަތުން 1-0 ލަނޑުން ރޭ މޮޅުވެގެން ނެވެ.
އަށްޓީމާއެކު ތިން ބުރަކަށް ކުރިއަށްގެންދިޔަ، މުބާރާތުގެ އައްޑަނަ ވީބީ ދިފާއުކޮށް އުފުލައިލިއިރު، ތާވަލްގެ އެޓީމަށް ލިބިފައި ވަނީ 47 ޕޮއިންޓެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ލީގު ވީބީން ނިންމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 53 ޕޮއިންޓާ އެކު އެވެ. މިއަހަރުގެ ލީގުގައި ވީބީއަށް ހުސްވިއަހަރު ހޯދި އަދަދަށް ޕޮއިންޓް ނުހޯދުނު ނަމަވެސް ލީގުގައި ވީބީ ކުޅުނު މެޗްތަކުގައި 61 ލަނޑު ޖެހި އެވެ. ބައިކޮޅަށް ވަދެފައިވަނީ 12 ލަނޑެވެ.
ވިކްޓަރީއާ ދެކޮޅަށް ވީބީ ރޭކުޅުނު މެޗްގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔު ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ކުރީ ކޮޅު ދެޓީމުން ވެސް ދެ ތިން ހަމަލައެއް އުފެއްދި އެވެ. ވިކްޓަރީގެ އިބްރާހިމް ފަޒީލަށް މެޗްގެ 23 ވަނަ މިނެޓްގައި ވަނީ ލަނޑުޖަހާނެ ފުރު ސަތެއް ލިބުނު އިރު ވީބީގެ އަލީ އުމަރަށް ވެސް ލަނޑު ޖަހާނެ ފުރުޞަތެއް ތަނަވަސްވި އެވެ.
ލަނޑަކާއި ނުލައި މެޗްގެ ފުރަތަމަ ހާފުގެ ހަމަހަމަކޮށް ނިންމައިލިއިރު ޤައުމީ ޓީމްގައި ހިމެނޭ ވީބީގެ ހުނަރުވެރި ދެ ކުޅުންތެރިން ތިބީ ބެންޗުގައެވެ. އެއީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި އައްސަދު އަލީ (އަޑުބަރޭ) އެވެ. ހަމަ އެގޮތަށް ވިކްޓަރީގެ މުހްތާރު ނަސީރު (ޓޫކިލޯ) ވެސް ރޭގެ މެޗުން ފެނިފައި ނުވާއިރު، ޓީމްގެ ބެންޗުގައި ވެސް އޭނާ ހިމަނާފައެއް ނުވެއެވެ.
ދެ ވަނަ ހާފުގައި ވީބީން ވަނީ ވިކްޓަރީގެ މައްޗަށް ގަދަވެގަނެ މެޗްގެ ލީޑް ނަގާފައެވެ. އެގޮތުން ދެ ވަނަ ހާފުގެ 64 ވަނަ މިނެޓުގައި ވީބީން ލަނޑުޖެހީ ފޯވާޑް އަލީ އުމަރަށް، ވިކްޓަރީގެ ކެޕްޓަން ޝާފިއު އަހުމަދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އެލަނޑު ޓީމަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރު އިސްމާއިލް މުހައްމަދު )އިއްސޭ( އެވެ.
ވީބީން ލަނޑުޖަހާ މެޗްގެ ލީޑް 1-0 ލަނޑަށް ބަދަލުކޮށްލިތާ މާގިނައިރުތަކެއް ނުވަނީސް ކޯޗު ވަންލީން ވަނީ ދަގަނޑޭ ކުޅެން ނެރެ ވިކްޓަރީގެ ދިފާއަށް ބާރު ބޮޑު ކުރުވާފަ އެވެ. އެހެން ނަމަވެސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަޤާމް ހޯދާފައިވާ ދަގަނޑޭ އަށް މެޗްގައި ގޯލެއް ކާމިޔާބު ކުރެވޭ ވަރެއް ނުވި އެވެ. ނުރައްކާތެރި ދެތިން ހަމަލައެއް ދަނގަޑޭ ފޮނުވާލި ނަމަވެސް ލީޑު ފުޅާކޮށްލެވޭ ގޮތެއް ނުވި އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވީބީގެ އިއްސޭ އަށް ދެ ވަނަ ރީނދޫ ކާޑަކާ އެކު ރެފްރީ އަލީ ސަލީމް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އިއްސޭ އަށް ފުރަތަމަ ކާޑު ދެއްކީ މެޗު ލަސްކުރުމަށް ވަގުތު ބޭކާރުކުރަން އުޅުމުންނެވެ. ދެވަނަ ކާޑު ދެއްކީ ބޯޅައިގައި އަތްލައިގެނެވެ. މެޗުގެ ފަހުކޮޅު ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ވަނީ ގިނަ ރީނދޫ ކާޑުތަކެއް ދައްކައިފަ އެވެ.
މެޗަށް ފަހު ވީބީގެ ތުރުކީ ކޯޗު ވަންލީ ބުނީ، މެޗުގެ ކުރިން ވީބީން ލީގުގައި ބޭނުންވި އަމާޒު ހާސިލްވެފައި އޮތް ނަމަވެސް، އެންމެ ހިތްހަމަ ޖެހުނީ ފަހު މެޗްގައި ވެސް ވިކްޓަރީ ބަލިކޮށް ތިން ޕޮއިންޓް ލިބުމުން ކަމަށެވެ. އަދި މާބޮޑު ހާސްކަމެއް ނެތި މެޗް ލިބުމުން އެކަމާ އުފާވާކަމަށް ވެސް ކޯޗް ވަންލީ ބުންޏެވެ.
ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީބީގެ ސަންވީލް ޤާސިމް (ބޮންޑާ) އެވެ. ލީގުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމު ލިބުނީ ޤައުމީ ކީޕަރު އިމްރާން މުހައްމަދަށެވެ. ޕެއާ ޕްލޭ ޓީމަކަށް ހޮވުނީ ލީގުގެ ދެ ވަނަ މަޤާމް ހޯދި ވިކްޓަރީއެވެ.
ލީގުގެ ވަނަތަކަށް އިނާމު ދިނުން ކުރިޔަށް ދިޔައީ ދަންމާނު ގްރޫޕުގެ ބޮޑުބެރާ އެކުއެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ލީގުގެ ގަދަ ހަތަރު ޓީމަށްދޭ ފައިސާގެ ޗެކް ހަވާލު ކުރުން ވެސް އޮތެވެ.
ވަނަވަނަ އަށް އައި ފަރާތްތަކަށް މެޑަލްއާ، ހަދާނީ ލިޔުން ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަދި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދާއި ދިރާގު ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އަދި އެފްއޭއެމްގެ ރައީސް އަލީ އާޒިމެވެ.