19:00


ހދ. ހަނިމާދޫ ވައިގެ ބަނދަރު ތަރައްގީކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު ކުންފުންޏާ އެކު މެމޮރެންޑަމް އޮފް އެގްރީމަންޓްގައި ސޮއިކުރުމާ ހަމައަށް އާދެވިފައިވާ ކަމަށާއި އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި އެކަމާ ބެހޭ ތަފްސީލު މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.


ކެބިނެޓް ބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެގެ ބައްދަލުވުމުގައި ހަނިމާދޫ އެއާޕޯޓް ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީކުރާ އިރު އެތަން ބޭނުންކުރާނެ ޕަސިންޖަރުން ހޯދުމުގެ ގޮތުން 6،000 އެނދު ތަރައްގީކުރުމުގެ ކަންތައްތައް ގެންދާނެ ގޮތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީކުރާ ފަރާތަށް ކްރޮސް ސަބްސިޑީ ދެއްވާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެއާޕޯޓްތަކެއް ތަރައްގީކުރަން އުފައްދާފައިވާ އެއާޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ލިމިޓެޑް (އެއިމް ކުންފުނި) ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަޝްރޫއު އަށް މަގުފަހިކުރުމަށްޓަކައި ރިޒޯޓް ތަރައްގީ ކުރާނެ ފަސް ރަށެއް ވެސް ކެބިނެޓުން ކަނޑައެޅުއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގއ. މާމުޓާ އާއި ގއ. ޅޮއްސާ އާއި ގއ.ކެރެއްދޫ އާއި ގދ. ހަވޮއްޑާ އާއި ސ. އިސްމެހެލާ ހެރާ އަދި ބޮޑުހެރެގަނޑު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އެއިމް ކުންފުނީގެ ހަވާލުގައި ތަރައްގީ ކުރުމަށް ކަނޑައެޅި ފަސް ޑޮމެސްޓިކް އެއާޕޯޓް ތަރައްޤީ ކުރުން އެކުންފުނިން ވަކިކުރުމާ ބެހޭ ގޮތުން މީގެ ކުރިން ކެބިނެޓްގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.


އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު މިހާރު ވަނީ ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ފަސް ރަށެއް، މިހާރުގެ މާކެޓް އަގަށް ދޫކުރަން ވެސް ނިންމަވައިފަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ބިމާ ބެހޭ އިދާރީ އޮނިގަނޑުގެ ދަށުން، ރިޒޯޓްތައް ކައިރީގައި ހުންނަ ރަށްރަށާއި ފިނޮޅުތައް މިހާރުގެ މާކެޓް އަގަށް ބަލައި، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް ދޫކުރުމާ ބެހޭ ސިޔާސަތުގެ ދަށުންނެވެ.