30 Oct 2018, 16:28
ސްރީލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލިކަމާއެކު ކޮލަމްބޯގެ މަގުތަކުގައި މުޒާހަރާ ކުރަން ފަށާފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް އެދެފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ ލަންކާގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއެކު ކޮލަމްބޯގެ މަގުތަކުގައި މިއަދު މުޒާހަރާތައް ފަށާފައިވާ ކަމަށެވެ.
އެހެންކަމުން ބޭރަށް ނިކުމެ އުޅޭއިރު ދިވެހިން ސަމާލުވުމަށާއި ބައިބޯ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ވިކްރަމަ ސިންހަގެ ސަޕޯޓަރުން އޭނާ ދިރިއުޅުއްވާ ގޭދޮށަށް އެއްވެފައި --
ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަނުކުރުމުން ވިކްރަމަ ސިންހައަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ މަގުތައް މައްޗަށް ނިކުމެފައެވެ.
ލަންކާގެ އެކި ސަރަހައްދުތަކުން ވިކްރަމަ ސިންހަ ސަޕޯޓަރުން ކޮލަމްބޯއަށް އެއްވަމުންދާއިރު ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން ލޭ އޮހޮރުވުމެއް ފެށިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
ސްރީލަންކާގައި ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް އެތައްހާސް ދިވެހިންނެއް ދިރިއުޅެމުންދެއެވެ.