ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ އެކު ކަމަށް އިންތިހާބީ ރައީސް ތަރުޖަމާނު، މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދައިރާ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މާރިޔާ ވިދާޅުވީ އިންތިހާބީ ރައީސް މާދަމާ ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށާއި އެނބުރި މާލެ ވަޑައިގަންނަވާނީ ރައީސް ނާޝީދާ އެކު ކަމަށެވެ.

"ނުރަސްމީ ދަތުރުފުޅެއްގައި [އިބޫ] އެ ވަޑައިގަންނަވަނީ، ރައީސް ނަޝީދާ އެކު މާލެ ވަޑައިގަތުމަށް،" އިންތިހާބީ ރައީސްގެ ތަރުޖަމާނު މަރިޔާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މިއަންނަ ބުރާސްފަތި ދުވަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޓެރެރިޒަމްގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ ވަކިގޮތެއް ކަނޑައަޅަންދެން ތަންފީޒުކުރުން ފަސްކުރުމަށް ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު ރައީސް ނަޝީދުގެ މައްސަލާގައި ނިންމެވި ނިންމުމަށް ވެސް މާރިޔާ މަރުހަބާ ވިދާޅުވި އެވެ.

ރައީސް ނަޝީދު މާލެ ވަޑައިގަންނަވާތީ އެމްޑީޕީ އިން ދަނީ ވަރަށް ބޮޑަށް އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތައްޔާރުވަމުންނެވެ.