ފެޑަރޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ ކޯޗިންގް ކޯސް ލެވެލް އެކެއް (އެފްއައިވީބީ ލެވެލް 1) ގެ ކޯހެއް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ. މިކޯސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގައެވެ.

ވޮލީ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް އަހްމަދު ވިދާޅުވީ، އަންނަ އޮކްޓޯބަރު 14 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ އައްޑު އަތޮޅު ގަމުގައި ހުންނަ ޔޫތް އެންޑް ސްޕޯޓްސް ސެންޓަރުގައި ކަމަށެވެ. އަދި މިކޯހުގެ ސަބަބުން ރާއްޖޭގައި މިކުޅިވަރު ކުރިއެރުވުމަށް އިތުރު ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

"މުޅި ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވަން ބޭނުންވޭ. އެގޮތުން އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިންގް ކޯހެއް އައްޑޫގައި ފެށުމަށް ވަނީ ހަމަޖެހިފައި. ކޯހުގެ ސަބަބުން ހުރިހާ ވޮލީބޯޅަ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ފައިދާކުރާނެ ކަމަށް ގަބޫލުކުރެވޭ." އިލްޔާސް ބުންޏެވެ.