ތުރުކީގެ އިސްތަންބޫލު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް 12 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެ އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއެވެ.

މި މަޝްރޫއު 2028 ގައި ނިންމަން އަމާޒުހިފާފައިވާއިރު މުޅި މަޝްރޫއު ނިމުމުން އެ އެއާޕޯޓުން 200 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް ތުރުކީ އިން ބުނެއެވެ.

އިސްތަންބުލް އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އިފްތިތާހުކުރުން --

އިސްތަންބޫލު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތަށް ބަލާއިރު މި އަހަރުގެ ނިޔަލަށް އިސްތަންބޫލް އެއާޕޯޓުން އަހަރަކު 90 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ވަނީ ތަރައްގީކޮށްފައެވެ. ތުރުކީ ސަރުކާރުން ބުނެފައިވަނީ އަމާޒަކީ ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓުގެ ގޮތުގައި އިސްތަންބޫލު އެއާޕޯޓު ތަރައްގީކުރުން ކަމަށެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާގޮތުގައި މިއަހަރުގެ ނިޔަލަށް އިސްތަންބޫލް އެއާޕޯޓުން ދުވާލަކު 2000 އަށް ވުރެ ގިނަ ފްލައިޓަށް ހިދުމަތް ދެވޭނެއެވެ.

އިސްތަންބުލް އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އިފްތިތާހުކުރުން --

އެއާޕޯޓުގެ ޕްރޮޖެކްޓް ނިމޭއިރު ހަ ރަންވޭ އާއި ދެ ޕަސިންޖާ ޓާމިނަލް ތަރައްގީ ކުރާނެއެވެ. 76 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ތަރައްގީ ކުރާ މި އެއާޕޯޓާއެކު ފަސިންޖަރުންނަށް ހާއްސަ މެޓްރޯވޭއެއްވެސް ތަރައްގީ ކުރަން ވަނީ ނިންމައިފައެވެ.

މި ޕްރޮޖެކްޓާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނާރެހަކަށް ތުރުކީ ވާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. ހާއްސަކޮށް ޔޫރަޕާއި މެދުއިރުމަތި އަދި އޭޝިއާގެ ގައުމުތަކުން ދަތުުރކުރާ ފަސިންޖަރުންނަށް މި އެއާޕޯޓާއެކު ފަސޭހަތައް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.