30 Oct 2018, 14:21
އެމްޑީޕީން އުފަންވީ ފަހުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އޮތް އޮތުމަށް ބަދަލު އަތުވެއްޖެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން މިޙާރު އެޕާޓީގެ އެންމެ އިސް ފަރާތަކީ އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
އެމްޑީޕީގެ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހަކު ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާންކޮށްފަ އެވެ.
އެމްޑީޕީ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގެ (ހ)
- ޕާޓީ ދިވެހި ރާއްޖޭގެ ވެރިކަމުގައި އޮންނަ އިރު އެ އިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއް ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އޭނާ އެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އެވެ.
އެމްޑީޕީގެ މެމްބަރަކު ގައުމުގެ ނައިބު ރައީސް ކަމުގައި ހުރި ނަމަ އޭނާ ވާނީ ދެވަނައަށް އެންމެ އިސްފަރާތް ކަމުގައި ވެސް އަސާސީ ގަވާއިދުގައި ވަނީބުނެފަ އެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ ފުރަތަމަ ޗެއާޕާސަންއެވެ. އަދި އެމްޑީޕީގެ ހަތަރުވަނަ އަދި މިހާރުގެ ރައީސްއަކީ ވެސް ރައީސް ނަޝީދު އެވެ. ރައީސް ނަޝީދުގެ ކުރީން އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެފައިވަނީ އެންމެ ފުރަތަމަ އިބްރާހީމް އިސްމާއީލް (އިބްރާ)، އޭގެ ފަހުން ޑރ. މުހައްމަދު މުނައްވަރު، އޭގެ ފަހުން ޑރ. އިބްރާހީމް ދީދީ (ޑރ. ޑީޑީ) އެވެ.
އެހެންނަމަވެސް މިއީ ރައީސް ނަޝީދު ނޫން ބޭފުޅަކު އެމްޑީޕީގެ ފަރާތުން ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. އިބޫ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ރައީސް ނަޝީދު ޖަލު ހުކުމެއްގައި ހުންނެވުމުން އެމަނިކުފާނަށް ކުރިމަތި ނުލެއްވޭތީ އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ފާސް ކުރުމުންނެވެ.
ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފަ އެވެ. ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.