ކޮލަމްބޯ (އޮކްޓޯބަރު 30): ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ދައްކަވަނީ ކުޑަކުއްޖަކު ވެސް ގަބޫލު ނުކުރާނެ ފަދަ ވާހަކަތަކެއް ކަމަށް ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ވިކްރަމަސިންހަ އެފަދައިން ވިދާޅުވީ، ރައީސް ސިރިސޭނާ ގައުމާ މުހާތަބުކޮށް އާދީއްތަ ދުވަހު ދެއްކެވި ވާހަކަފުޅުގައި އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ފަހުންނެވެ. އެގޮތުން ވިކްރަހަމަސިންހަ އަކީ "ބޮޑާ އަދި ގޮތް ދޫނުކުރައްވާ" ބޭފުޅެއް ކަމަށާއި އޭނާގެ ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

އަދި ސިރިސޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލަ ވިކްރަމަސިންހަ ސީރިއަސްކޮށް ނުނަންގަވާ ކަމަށާއި، އެރޭވުމުގައި ކެބިނެޓު މިނިސްޓަރެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް ވިކްރަމަސިންހަ ވަނީ އޭނާގެ މައްޗަށް ސިރިސޭނާ ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި ސިރިސޭނާ މަސައްކަތް ކުރައްވަނީ އޭނާ ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި މަސައްކަތްތައް ފޮރުވަން ބަހަނާ ދައްކަވަން ކަމަށާއި އެއީ "ކުޑަކުދިން ވެސް ގަބޫލު ކުރާނެ ވާހަކަތަކެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

"ރައީސްގެ ނިންމުމުގެ ސަބަބުން ލަންކާ ވަނީ ގައުމުގެ ތާރީހުގައި ވެސް ކުރިމަތިލާން ނުޖެހޭ ފަދަ މައްސަލައަކާ ކުރިމަތިލާން ޖެހިފައި. މައިނޯރިޓީ ޕާޓީއަކަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރުމަކީ ގާނޫނާއި ގަވާއިދުތަކާ ހިލާފު ކަމެއް،" ވިކްރަމަސިންހަ ވިދާޅުވި އެވެ.

މީގެ އިތުރުން ވިކްރަމަސިންހަ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލިސް ހުޅުވުމަށާއި އޭނާއަށް ތާއިދު އޮތް މިންވަރު ބެލުމަށް ވޯޓެއް ނެގުމަށް މަޖިލީހުގެ ރައީސަށް ގޮވާލައްވާފަ އެވެ.

ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރުކޮށް، އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގަ އެވެ. އަދި މަޖިލިސް މެޖޯރިޓީ އޮތީ ވިކްރަމަސިންހައަށް ކަމަށް އޭނާ ވިދާޅުވުމުން، ސިރިސޭނާ ވަނީ އަންނަ މަހުގެ 16އާ ހަމައަށް މަޖިލިސް ސަސްޕެންޑު ކުރައްވައިފަ އެވެ.

އޭގެ ފަހުން އިއްޔެ ރާޖަޕަކްސަ ވަނީ ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. އަދި ސިރިސޭނާ ވަނީ ގައުމުގެ އާ ކެބިނެޓު އެކުލަވާލައްވާފަ އެވެ.