ބ. އަތޮޅު މެންދޫ ސަރަޙައްދަށް މެނޭޖްމަންޓް ޕްލޭނެއް ހަދައި އެ ސަރަހައްދު ބަލަހައްޓަން އެންވަޔަރަންމެންޓް މިނިސްޓްރީ އިން ނިންމައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީ އިން ބުނީ ތިމާވެށީގެ ޤާނޫނުގެ ދަށުން ޙިމާޔަތް ކޮށްފައިވާ 47 ސަރަޙައްދަކީވެސް މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން ބެލެހެއްޓޭ ސަރަޙައްދުތަކަށް ހެދުމުގެ ސިޔާސިތުގެ ދަށުން ބ. އަތޮޅު މެންދޫ ސަރަޙައްދަށް މެނޭޖްމަންޓް ޕްލޭނެއް ހަދައި ބަލަހައްޓަން އެ މިނިސްޓރީއިން ނިންމާފާިއވާ ކަމަށެވެ.

މިދިިޔަ އާދިއްތަ ދުވަހު އެންވަޔަރަންމެންޓް މިނިސްޓްރީއިން ވަނީ އެ ސަރަހައްދު ބަލަހައްޓަން މެނޭޖްމަންޓް ޕްލޭން އެކުލަވާލާ ސަރުކާރު ގެޒެޓްގައި ޝައިއު ކޮށްފައެވެ.

މެނޭޖްމަންޓް ޕްލޭންގެ ދަށުން މި ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން ފީއެއް ނަގައި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ޖަމާކުރެވޭނެ ކަމަށާއި އަދި މި ފައިސާ ބޭނުންކުރެވޭނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، މުޖްތަމަޢުގެ އާންމު މަންފާއަށްޓަކައި ބ. އަތޮޅުގައި ހިންގޭ އެކި އެކި މަޝްރޫޢުތަކަށް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި މެނޭޖްމަންޓް ޕްލޭންގައި މި ސަރަޙައްދަށް ޒިޔާރަތްކުރެވޭނެ ވަގުތުތަކާއި، އެންމެ ގިނަވެގެން މި ސަރަޙައްދުގައި ޙަރަކާތްތެރިވެވޭނެ މީހުންގެ ޢަދަދާއި، މި ސަރަޙައްދުގައި މީހުން ޙަރަކާތްތެރިވުމުގައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ ތަފްޞީލް ބަޔާކޮށްފައި ވެއެވެ.

ރާއްޖޭގެ ހިމާތްކޮށްފައިވާ ނުވަ ސަރަޙައްދަކަށް ވަނީ މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް ރައްޔިތުންނަށް ޢިޖްތިމާޢީ އަދި އިޤްތިޞާދީ ފައިދާ ލިބޭނެ ގޮތުގެ މަތިން ދަނީ ބެލެހެއްޓަމުން އަންނަ ކަމަށެ އެ މިނިސްޓްރީ އިން މައުލޫމަތު ދެއެވެ.

މެންދޫ ސަރަހައްދުގައި ހިމެނެނީ ބ. އަތޮޅު މެންދޫ އާއި މެންދޫ ވަށައިގެންވާ ފަރު، ބ. އަތޮޅު މެންދޫ ބިންމަތީފަރު، ބ. އަތޮޅު ކަނބުރުފަރު އަދި ބ. އަތޮޅު ނިބިލިގާ (ފިނޮޅު) އާއި ނިބިލިގާ ވަށައިގެންވާ ފަރާއި އަދި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 111 މީޓަރގެ ސަރަހައްދެކެވެ.

މި ސަރަޙައްދަކީ ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ކޯއޭރިއާ ގެ ގޮތުގައިވެސް ހިމެނޭ ސަރަޙައްދެކެވެ. މެންދޫ ސަރަޙައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކަކާއި، ޙިމާޔަތްކޮށްފައިވާ ދޫނި އަދި ވެލާ ބިސްއަޅާ އާލާވާ ސަރަޙައްދެކެވެ.

މެންދޫ ސަރަހައްދަކީ 2011 ވަނަ އަހަރު ޖޫން މަހު ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.