ވޮޝިންޓަން (އޮކްޓޯބަރ 30) : ރެފިއުޖީންގެ ކިބައިން އެމެރިކާގެ ދެކުނުގެ ސަރަހައްދީ ރޮނގު ހިމާޔަތް ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ހަތިޔާރާ އެކު އެމެރިކާ ސިފައިންގެ 5200 މީހުންގެ ލަޝްކަރެއް މެކްސިކޯގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ރުކުރުވާލުމަށް އެމެރިކާ ނިންމައިފި އެވެ.

އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރެއްކަމަށްވާ ޖެނެރަލް ޓަޔަޔެންސް އޮޝުންސީ ވިދާޅުވީ ރެފިއުޖީންގެ ކިބައިން އެމެރިކާގެ ސަރަހައްދީ ރޮނގު ހިމާޔަތްކުރުމަކީ އެމެރިކާގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމުގަ އެވެ. ވޮޝިންގްޓަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޮޝުންސީ ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަށައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން އެމެރިކާ ސިފައިން ކުރަންޖެހޭ ކަމަކަށްވާތީ ހަތިޔާރާ އެކު އެމެރިކާގެ 5200 ސިފައިން މެކްސިކޯގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ރުކުރުވާލުމުގެ ކަންތައް ކުރަމުން ގެންދާ ކަމުގަ އެވެ.

އެމެރިކާއަށް ހިޖްރަކުރުމަށް ޓަކައި މެދުތެރޭ އެމެރިކާގެ ގައުމުތަކުން އަންނަ ރެފިއުޖީންގެ ކިބައިން އެމެރިކާގެ ސަރަހައްދީ ރޮނގު ހިމާޔަތްކުރުމަށް ޓަކައި ހަތިޔާރާ އެކު އެމެރިކާ ސިފައިން މެކްސިކޯގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ފޮނުވުމުގެ ހުއްދަ އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް މިދިޔަ ހަފްތާގައި ވަނީ ދެއްވައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެކްސިކޯ އާއި އެމެރިކާ ގުޅިފައިވާ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވާ ރެފިއުޖީންގެ ކިބައިން އެމެރިކާ ހިމާޔަތްކުރުމަށް ޓަކައި ސިފައިންގެ ލަޝްކަރުތަށް ފޮނުވާނެ ކަމަށް ތަންކޮޅެއްކުރިން ވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ޣައިރު ގާނޫނީ ގޮތުން އެމެރިކާއަށް ހިޖްރަކުރުމުގެ ފުރްސަތު އެއްވެސް ބައަކަށް ނުދޭނެ ކަމަށާއި ސިފައިންގެ ލަޝްކަރުތަށް ފޮނުވައިގެން ވެސް ޣައިރު ގާނޫނީގޮތުން އެމެރިކާއަށް ރެފިއުޖީން ވަނުން ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގަ އެވެ.

މެދުތެރޭ އެމެރިކާގެ ފަގީރު ގައުމުތައް ކަމަށްވާ ޕެނަމާ، އެލްސެލްވަޑޯ، ގުއަޓެލާމާ، ކޮސްޓަރީކާ އަދި ހޮންޑިއުރަސް ފަދަ ގައުމުތަކުގެ އެތައް ސަތޭކަ ހާސްބަޔަކު ދަނީ މެކްސިކޯ ހުރަސްކޮށް އެމެރިކާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވުމަށް ހަރަކާތްތެރިވަމުންނެވެ. ޓްރަމްޕަކީ އެމެރިކާއަށް ހިޖްރަކުރާ ފަރާތްތައް ހުއްޓުވުމަށްޓަކައި ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ.

ޓްރަމްޕް ވަނީ އެމެރިކާއަށް އެތެރެވާ ރެފިއުޖީން އެމީހުންގެ ދަރިންނާ ވަކިކޮށް އެކަހެރިކުރުމާއި ކުޑަކުދިން އެކަހެރިކޮށް އެކުދިންގެ ހައްގުތަކާއި އިންސާނީ ކަރާމާތަށް ގެއްލުންވާގޮތަށް އެކުދިން ހައްޔަރު ކުރުންފަދަ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައްވެސް ހިންގަވާފަ އެވެ. ޓްރަމްޕްގެ މިހަރުކަށި އަދި އިންސާނީ ހައްގުތަކާ ޚިލާފް ސިޔާސަތަށް އެމެރިކާގެ އެތެރެއިންނާއި ބޭރުން ފާޑުކިޔުންތައް އަމާޒުވުމުން ރެފިއުޖީންނާއި އެމީހުންގެ ޅަދަރިން ވަކިކޮށް ވަގުތީ ކޭމްޕްތަކުގައި އެމީހުން ހައްޔަރު ކުރުމުގެ ކަންތައްތަކަށް ޓްރަމްޕްގެ ވަނީ ލުއިތަކެއް ދެއްވާފަ އެވެ. ނަމަވެސް ޓްރަމްޕް މިހާރު އިސްކަން ދެއްވަނީ ސިފައިންގެ ލަޝްކަރުތައް ފޮނުވައިގެން ރެފިއުޖީން އެމެރިކާއަށް ވަނުން ހުއްޓުވުމަށާ އަދި ވަންނަ ރެފިއުޖީންވެސް އަނބުރައި ފޮނުވާލުމަށް ކަމަށް އެމެރިކާގެ ދިފާއީ ވުޒަރާ ޕެންޓަގަން އިން ބުނެއެވެ. (ރޮއިޓާސް)