އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލޭ ސިޓީގެ ޕްރީ ސްކޫލްތަކާއި އެތަންތަނުގެ ޓީޗަރުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ. މާލޭގެ ޕްރީ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ ހަތް ސްކޫލެކެވެ. އެއީ ހަތަރު އަވަށު ސްކޫލާއި ވިލިމާލޭ ޝައިހު އަބްދުއްރަހުމާން ޕްރީ ސްކޫލާއި ފަލާހާއި ހުޅުމާލޭ ޕްރީ ސްކޫލެވެ.

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ޕްރީސްކޫލްތަކާއި އެތަންތަނުގެ ޓީޗަރުން ސިޓީ ކައުންސިލާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ޕްރީ ސްކޫލުތަކާއެކު ޖުމްލަ 135 ޓީޗަރުން ވެސް މިއަދު ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާނެ ކަމަށާއި މީގެ ފަހުން ޕްރި ސްކޫލްތަކު އެހީގެ ފައިސާ އާއި ޓީޗަރުންނަށް މުސާރަ ދޭނީ ވެސް މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

" ސޮއިކުރެވުނު މި އެއްބަސްވުމާ ގުޅިގެން މާލޭ ސިޓީގެ ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ޕްރީ ސްކޫލްތަކުގެ ޓީޗަރުން ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެދަށައް ގެންދެވިފައި. ޖުމްލަ 135 ޓީޗަރުން ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ ޕްރީ ސްކޫލްތަކާއި ޓީޗަރުންނާ ކައުންސިލުން ހަވާލުވި ނަމަވެސް އެއީ ތައުލީމާއި ގުޅުންހުރި ތަންތަނަށްވާތީ އެތަންތަނުގެ ސިޔާސަތުތައް ކަނޑައަޅާނީ އެޑިޔުކޭޝަން މިނިސްޓރީންކަމަށާއި ސިޓީ ކައންސިލުން އަދާކުރާނީ ސިޔާސަތު ތަންފީޒުކުރުމުގެ ދައުރު ކަމަށެވެ.

" ޕްރީ ސްކޫލްތަކުގެ ޓީޗަރުންނާއި، ސްކޫލްތައް އަޅުގަނޑުމެންނާ ހަވާލުކުރި ނަމަވެސް ޕްރީ ސްކޫލަކީ ތައުލީމާއި ގުޅުންހުރި ތަންތަނަށް ވާތީ އެތަންތަނުގެ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓްރީން،"މޭޔަރު ވިދާޅުވިއެވެ.

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ޕްރީސްކޫލްތަކާއި އެތަންތަނުގެ ޓީޗަރުން ސިޓީ ކައުންސިލާ ހަވާލު ކުރުމަށް މިއަދު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފަ އެވެ. ސްކޫލްތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝިފާ މުހައްމަދެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރ މައިޒާން އަލިމަނިކެވެ.