30 Oct 2018, 12:55
ޖަކާޓާ (އޮކްޓޯބަރު 30): އިއްޔެ ވެއްޓުނު އިންޑޮނޭޝިއާގެ މަތިންދާބޯޓުގެ ބައިތަކާއި އޭގައި ދަތުރު ކުރި މީހުންގެ ހަށިގަނޑު ހޯދުމަށް ކަނޑު އަޑި ހޯދަން ފަށައިފި އެވެ.
ބަޖެޓު އެއާލައިނެއް ކަމަށްވާ ލަޔަން އެއާގެ ފްލައިޓު ޖޭޓީ 610 ވެއްޓިފައި ވަނީ 189 މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. ޖަކާޓާއިން ޕަންގްކަލް ޕިނަންގަށް ދަތުރު ކުރަމުން ދިޔަ އެބޯޓު ނައްޓާލިތާ 13 މިނިޓު ތެރޭ އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން ލަފާ ކުރާ ގޮތުގައި ބޯޓުގެ ގިނަ ބައިތައް ފެންނާނީ ޖާވާގެ އައްސޭރި ފަށުންނެވެ. އެހެންކަމުން ބޯޓުގެ ކަޅުފޮށި ފަދަ ބައިތަކާއި އޭގައި ތިބި މީހުންގެ ހަށިގަނޑު ހޯދުމަށް އެއޭޖެންސީން ދަނީ ޑްރޯނާއި ސޯނާ ޓެކްނޮލޮޖީ ބޭނުން ކުރަމުންނެވެ.
އެއޭޖެންސީން ވަނީ ބޯޓުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު ދިރިތިއްބާ ފެނުމަކީ ނާދިރު ކަމެއް ކަމަށް ބުނެފަ އެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޕޮލިސް ޑެޕިއުޓީ ޗީފާ ހަވާލާދީ ޖަކާޓާ ޕޯސްޓުގައިވާ ގޮތުން ބައެއް މީހުންގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް މިހާތަނަށް ވަނީ ފެނިފަ އެވެ.
"މިހާތަނަށް 24 ބޮޑީ ބޭގް ވަނީ ގެންގޮސްފައި. އޭގެ ތެރޭގައި ބައެއް މީހުންގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް ހިމެނޭ،" ކޮމިޝަނާ ޖެނެރަލް އަރީ ދޮނޯ ސުކްމަންޓޯ ވިދާޅުވި އެވެ.
އަދި އެއީ ކޮންބަޔެއްކަން ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ޑީއެންއޭ ޓެސްޓުތައް ހަދަން ފަށާފައިވާ ކަމަށްވެސް ޖަކާޓާ ޕޯސްޓުގައިވެ އެވެ.
މީގެ ދެ މަސް ކުރިން ލަޔަން އެޔާއިން ގަތް ބޯއިން ބޯއިން 737 މެކްސް 8 މަރުކާގެ އެބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ. އަދި އެއެއާލައިނުގެ ސީއީއޯ ވަނީ މީގެ ކުރިން ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވި ނަމަވެސް، އެމައްސަލަ ހައްލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.