30 Oct 2018, 12:22
މިއަދު ހެނދުނު ބޯކޮށް ވާރޭވެހި ވައިދަވެ، ޝަހީދުއަލީ މިސްކިތުގައި ހުރި ގަހެއް ވެއްޓިޖެ އެވެ.
ގަސް ވެއްޓިފައި ވަނީ މުޅި މަގު ބަނދުވާ ގޮތައް ދުއްވާ އެއްޗިސަށް ނުދެވޭ ގޮތަށެވެ. ނަމަވެސް މިހާރު ފުލުހުން ވަނީ އެ ގަސް ނަގައިފަ އެވެ..
މިއަދު ފަތިހު މާލެއަށް ކުރި ވިއްސާރާގައި މާލޭގެ އެކި މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ ފެން ނުހިނދުނީ ބަޔަކު ފެން ހިންދާ ސިސްޓަމްތަކަށް ގެއްލުން ދިނުމުގެ ސަބަބުން ކަމަށެވެ.
ސިފައިން ދަނީ މިހާރު ޕަޕްޕު ބަހައްޓައިގެން ފެން ހިނދުމުގެ މަސައަކަތް ކުރަމުންނެވެ.

މާލޭ މަގުތަކުގައި ފެން ހިދުމުގެ މަސައްކަތް ސިފައިން ކުރަމުން ދަނީ -- ފޮޓޯ އެމްއެންޑީއެފް
މާލެ އަށް ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މާލެ އަތޮޅުގެ ރަށްތަކަށް މިއަދު ހެނދުނު 8:00 އިން ހެނދުނު 11:00 އާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު މެދު ތެރެ އާއި ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގަ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.