30 Oct 2018, 11:16
ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ޖަލްސާއަށް އިދިކޮޅު ގިނަ މެމްބަރުން މަޖިލީހުގެ ޗެބަބަރަށް މިއަދު ހާޒިރު ނުވުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ފާޑު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ތާވަލުކޮށްފައި އޮތީ ނުވައެއް ޖަހާއިރަށެވެ. ނަމަވެސް ކޯރަމް ހަމަ ނުވެގެން ޖަލްސާތައް ފެށީ ފަށަން އޮތް ގަޑިއަށްވުރެ ލަހުންނެވެ.
އެކަމާ ހިތްހަމަ ނުޖެހި މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިދައުރުގެ ފުރަތަމަ ޖަލްސާއާއި ދެވަނަ ޖަލްސާ އެއްދުވަހެއްގައި ބާއްވާ އެދުވަހު އިދިކޮޅު މެމްބަރުން ވަރަށް ބާރަށް ޖަލްސާއަށް ވަޑައިގެންނެވި ކަމަށެވެ.
"އެ ޖަލްސާތަކުގައި އެ ބޭފުޅުންނަށް ވަރަށް ގިނަ އިރު ހޭދަ ކުރައްވަން މައްސަލައަކަށްވެ ވަޑައި ނުގެންނެވި. އަދި މައްސަލަ ޖެހިގެން ކޯޓު މަރުހަލާގައި ތިބި ގޮނޑި ކަށަވަރު ނުވާ މެމްބަރުންގެ ހަގުގަ އާއި އަދި އެނޫންވެސް ހައްގުތަކުގައި އެބޭފުޅުނަށް މިތަނަށް އެދުވަހު ވަޑައިގެންނެވުނު." ނިހާން ވިދާޅުވި އެވެ.
ނިހާނު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ނިހާން ވިދާޅުވީ އެދުވަހު ދެ ޖަލްސާ ބަރަކާއި އެކު މަޖިލީހުގެ ރިޔާސަތުގައި މޫސަ އިންނެވި ކަމަށެވެ. އަދި އެ ދުވަހު މޫސަ ވަރަށް ހިންގުންތެރިކަން ފެނިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.
މިއަދު ހެނދުނު ބޯ ވިއްސާރައިގެ ތެރޭގައި މަގުތަކުގައި ފޫޓަކަށް ފެން ހެދިފައިވަނިކޮށް ޕީޕީއެމްގެ މެމްބަރުން ޖަލްސާއަށް ވަޑައިގެންނެވިކަން ނިހާނު ފާހަގަ ކުރެއްވި އެވެ.
މިއަދު މަޖިލީހަށް އެޖެންޑާ ކޮށްފައިވަނީ އޮޑިޓް އޮފީހަށް 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމަށް ބަހުސް ކުރުމެވެ. ނިހާން ވިދާޅުވީ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓު ހުށަހަޅަނީ ރަނގަޅަށްތޯ ނުރަނގަޅަށްތޯ ވެސް އެނގޭނީ މަޖިލީހުގެ ޖަލްސާގައި ތިއްބެވީމަ ކަމަށެވެ.
ނިހާނު ވިދާޅުވީ މަޖިލީހުގެ ޗަމްބަރަށް އިދިކޮޅު މެމްބަރުން ވަދެވަޑައިނުގެން ތިއްބެވީ މަޖިލީހުގެ ސައި ކޮޓަރީގައި ސައި ހިއްޕަވަން ކަމަށެވެ.
މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފުވެސް ވަނީ މެމްބަރުން މަޖިލީހަށް ނުވަނުމުން ފާދު ވިދާޅުވެފަ އެވެ. މިހުރިހާ ދުވަހު 12 މެމްބަރަކަށް މަޖިލީހަށް ނުވަދެވޭތީ ޖަލްސާއަށް ވަޑައިނުގަންނަވަނީ ކަމަށް ވިދާޅުވެ މިއަދު އެ މެމްބަރުންނަށް ވަދެވޭ ގޮތް ވުމުން ވެސް ހާޒިރު ނުވި ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާތާ އެތައް ދުވަހެއް ފަހުން މި ހަފްތާގެ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ނަމަވެސް މިއަދުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެ އެވެ.